ޔޫރޯ ކޮލިފައިންގައި ތުރުކީއާ ބައްދަލުކުރި މެޗު އެއްވަރުވެ މުބާރާތުން ޖާގައެއް ހޯދުމަށްޓަކައި އެންމެ ފަހުގެ ރަނަރަޕް އަދި ދުނިޔޭގެ ޗެމްޕިއަން ފްރާންސަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރޭ މިދެޓީމު ބައްދަލުކުރި މެޗު ނިމިފައިވަނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެެވެ. މި މެޗު ކާމިޔާބުކޮށްގެން ޔޫރޯ އަށް ކޮލިފައިވުމުގެ ފުރުސަތު ފްރާންސަށް އޮތްނަމަވެސް މި ޑްރޯ އާއެކު އެޓީމު ޖެހޭނީ ކޮލިފައިވުމަށްޓަކައި އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އިންތިޒާރުކުރާށެވެ.

ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ފްރާންސާއި ތުރުކީ އަށް ވެސް ނަވާރަ ޕޮއިންޓް ހަމަވެފައިވާއިރު މިވަގުތު ގްރޫޕް އެޗްގެ އެއްވަނަ ތުރުކީ އަށް ލިބެނީ ލަނޑުގެ ތަފާތުން ކުރީގައި އޮތުމުންނެވެ. މި ގްރޫޕްގެ ތިންވަނައިގައި ފަނަރަ ޕޮއިންޓާއެކު އައިސްލޭންޑް ވިއްދާފައި އޮތްއިރު ބާރަ ޕޮއިންޓް ލިބިގެން ހަތަރުވަނައިގައި އޮތީ އަލްބޭނިއާ އެވެ. ފަސްވަނަ އަދި ހަވަނައިގައި އޮތް އެންޑޯރާ އާއި މޮލްޑޯވާ އަށް ލިބިފައިވަނީ އަށް މެޗުން ތިން ޕޮއިންޓެވެ.

ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ފްރާންސް އިންނެވެ. މެޗު ނިމެން ސާދަ ވަރަކަށް މިނެޓަށް ވެފައިވަނިކޮށް މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަން ނަގައިދިން ކޯނަރެއްގައި ފޯވަޑް އޮލިވިއާ ޖިރޫޑް އެވެ. މިއީ މި އަހަރު ޖިރޫޑް ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފަސްވަނަ ލަނޑެވެ. އެ ނަތީޖާގައި ފްރާންސަށް މާގިނައިރުތަކެއް ވަންދެން ތުކުރީ ނުހިފެހެއްޓުނުއިރު ތުރުކީން ޖެހި ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކާން އައިހަން އެވެ.

ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗެއްގައި އިންގްލަންޑް ވަނީ ފަސޭހަކަމާއެކު ބަލްގޭރިއާ މައްޗަށް 6-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި ގްރޫޕް އޭގެ އެއްވަނަ އަށް ޖެހިލާފަ އެވެ. ހަ މެޗުން އިންގްލަންޑަށް ފަނަރަ ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ޗެކް ރިޕަބްލިކަށް ލިބިފައިވަނީ ބާރަ ޕޮއިންޓެވެ. ތިންވަނައިގައި އެގާރަ ޕޮއިންޓާއެކު ކޮސޯވޯ އޮތްއިރު ތިން ޕޮއިންޓް ލިބިގެން ހަތަރުވަނަ ލިބެނީ މޮންޓެނެގްރޯ އަށެވެ. ރޭގެ މެޗުގައި ބައިކޮޅަށް ވަން ލަނޑުތަކާއެކު ބަލްގޭރިއާ ގްރޫޕްގެ ފުލަށް ވެއްޓުނީ މޮންޓެނެގްރޯ އަށް ވުރެ ލަނޑުގެ ތަފާތުން ދަށްވުމުންނެވެ.

މި މެޗުގައި އިންގްލަންޑަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންގް އާއި ރޮސް ބާކްލޭ އާއި ހެރީ ކޭންގެ އިތުރުން މާކަސް ރަޝްފޯޑް އެވެ. މީގެ ތެރެއިން ބާކްލޭ އާއި ސްޓާލިން ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފަ އެވެ.