ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަން ފަހު ވަގުތު ކާމިޔާބުކުރި ދެ ލަނޑުން އިބީޒާ ބަލިކޮށް އެފްސީ ބާސެލޯނާ އިން ސްޕެނިޝް ކޮޕާ ޑެލްރޭގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ސްޕެނިޝް ކަޕްގެ ރައުންޑް އޮފް 32 ގައި ރޭ ރަށުން ބޭރުގައި އިބީޒާގެ މައްޗަށް ބާސާ އިން ކުރިހޯދީ ފަހަތުން އަރައި 2-1 އިންނެވެ. ބާސާގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި ކުއިކޭ ސެޓިއެން ވަނީ މި މެޗަށް އެޓީމުގެ ސީނިއާ މުހިއްމު ގިނަ ކުޅުންތެރިންނަށް ރެސްޓް ދީފައެވެ. އެގޮތުން ކެޕްޓަން ލިއޮނެލް މެސީ އާއި ސާޖިއޯ ބުސްކެޓްސްގެ އިތުރުން ޖެރާޑް ޕީކޭ މެޗު ކުޅުމަށް ޓީމާއެކު ދަތުރުކޮށްފައި ނުވެ އެވެ.

ޔޫނިއަން ޑެޕޯޓިވާ އިބީޒާ އަކީ ސްޕެއިންގެ ތިން ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބެކެވެ. 5000 އެއްހާ މީހުންގެ ޖާގައިގެ ސްޓޭޑިއަމެއްގައި ރޭ ކުޅުނު މެޗުގައި ގަދަ ފަދަ ބާސާ އާއި ދެކޮޅަށް އިބީޒާ އިން މޮޅު ކުޅުމެއް ދެއްކި އިރު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް އެ ޓީމުންނެވެ.

ފުރަތަމަ ހާފުގެ 9 ވަނަ މިނެޓުގައި އެޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ހާވީ ޕެރޭޒް އެވެ. ލީޑު ފުޅާކުރުމަށް މި ހާފުގައި އިބީޒާ އަށް އިތުރު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ފޯވަޑް ރާއީ ނަސިމެންޓޯ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވި އިރު ރީބައުންޑުގައި ރޮޑާޑޯ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ކީޕަރު ނެޓޯ އެވެ.

މެޗުގެ ދެވަނަ ހާފު ބާސާ އިން ފެށީ ވަރުގަދަކޮށެވެ. މަޑުމަޑުން ހަމަލާތަކެއް އުފައްދަމުން ގޮސް އެންމެ ފަހުން އިބީޒާގެ ގޯލު އެޓީމުން ފޫއަޅުވާލީ 72 ވަނަ މިނެޓުގައި ފްރެންކީ ޑިޔޮން ދިން ބޯޅައެއްގައި ގްރީޒްމަން ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ ފަހުން އިބީޒާ އިން ބާސާގެ އެޓޭކުތައް ހުއްޓުވުމުގައި ހުޝިޔާރުކަން ދެއްކި ނަމަވެސް ފަހު މިނެޓުގައި ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގްރީޒްމަން ވަނީ ދެވަނަ ލަނޑު ޖަހައި ބާސާ މޮޅުކޮށްދީފައެވެ.

ކޮޕާ ޑެލްރޭގައި ރޭ ރެއާލް މެޑްރިޑް ވެސް ވަނީ ސަލަމަންކާ ފުޓްބޯލް ކްލަބް ބަލިކޮށް އަނެއް ބުރަށް ދަތުރުކޮށްފަ އެވެ. ރަށުން ބޭރުގައި ކުޅެ ރެއާލުން މި މެޗު ކާމިޔާބުކުރީ 3-1 އިންނެވެ. މެޗުގައި ރެއާލަށް ލަނޑުތައް ޖަހައިދިނީ ގެރެތް ބޭލް އާއި ބްރާހިމް ޑިއާޒްގެ އިތުރުން ހުއާން ގޮންގޮރާ އެވެ. ސަލަމަންކާ އިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ ރޮމޭރޯ އެވެ.