މިއަހަރުގެ ޖޫން މަހު 07 އިން 10 އަކަށް ޖަޕާނުގެ ގިފޫ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ހިމްނާ އަދި ނާއިލް ވާދަ ކުރާނެއެވެ.

އޭޝިޔަން ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި މުބާރާތުގައި ރާއްޖެ ޓީމުން ދުވަން ނިންމާފައި ވަނީ ދެ ދުވުންތެރިންނެވެ. މި ދެ ދުވުންތެރިން ވެސް ވަނީ މިމަހު ލަންކާގައި ބޭއްވި ސައުތް އޭޝިއަން ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކޮށްފައެވެ.

ނާއިލް އަދި ހިމްނާ ވެސް ގިފޫގައި އޮންނަ މުބާރާތުގައި ވާދަ ކުރާނީ 400 އާއި 200 މީޓަރު ދުވުމުގައެވެ. ހިމްނާ ވަނީ ސައުތް އޭޝިއަން ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި 200 މީޓަރު ދުވުމުން ފައިނަލުގައި ވާދަކޮށްފައެވެ.

އެތްލެޓިކްސް އެސޯސިއޭޝަނުގެ ފަރާތުން މިމުބާރާތަށް ކޯޗެއްގެ ހައިސިއަޔަތުގައި ދާނީ ހުސެއިން ހަލީމެވެ.

ނާއިލް އަކީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ދަށުން ބޮސްޓްވާނާ ގައި ތަމްރީން ހަދަމުންދާ 4 އެތުލީޓުންގެ ތެރެއިން އެތުލީޓެކެވެ. ހަމައެހެންމެ ނާއިލް ވަނީ ރާއްޖޭގެ ގިނަ ރެކޯޑު ތަކެއް ވެސް ހަދާފައެވެ.

އެގޮތުން 400 މީޓަރު ދުވުމުގައި ރާއްޖޭގެ ޖޫނިއާ ރެކޯޑު ތިން ފަހަރެއްގެ މަތިން ނާއިލް ވަނީ އާކޮށްފައެވެ. އެންމެ ފަހުން އޭނާ މި ރެކޯޑު އާކޮށްފައިވަނީ މިއަހަރު ބޮސްޓްވާނާ ފްރެންސިސް ޓައުންގައި ކުރިއަށްދިޔަ ބޮޓްސްވާނާ އެތުލެޓިކްސް އެސޯސިއޭޝަން ސީރީސްގަ އެވެ.

ހިމްނާ އަކީ ފާއިތުވި ގިނަ އަހަރުތަކުގެ ތެރޭގައި ބޭއްވުނު އިންޓަ ސްކޫލް މުބާރާތް ތަކުގައި މުބާރާތުގެ އެންމެ މޮޅު ދުވުންތެރިޔާ އެތައް ފަހަރެއްގެ މަތިން ހޯދާފައިވާ ދުވުންތެރިޔެކެވެ. އެންމެ ފަހުން ކުޅުދުއްފުށީގައި ބޭއްވުނު މަކިޓާ މުބާރާތުގައި ހިމްނާ ވަނީ 3 ރަން މެޑަލް އަދި އުމުރުފުރާގެ އެންމެ މޮޅު އަންހެން ދުވުންތެރިޔާގެ އިތުރުން ބެސްޓް އޯލްރައުންޑް އެތްލީޓުވެސް ހިމްނާ ވަނީ ހޯދާފައެވެ.