2021 ވަނަ އަހަރުގެ ސީޒަނަށް ބާސާ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ސޮއެ ހޯދުމަށް ސިޓީއިން ތައްޔާރުވަމުން ދާކަމަށް އެ ކްލަބުގެ ޗީޕް އޮޕަރޭޝަންސް އޮފިސަރު އޮމަރް ބެރާޑާ ބުނެފިއެވެ.

އެންމެ ފަހުގެ ޓްރާންސްފާ ވިންޑޯގައި މެސީ ބާސާ ދޫކޮށްލަން މަސައްކަތް ކުރަން ފެށުމާއެކު އެންމެ ވަރުގަދައަށް މެސީގެ ސޮއި ހޯދަން މަސައްކަތް ކުރީވެސް މެންޗަސްޓަރ ސިޓީއިންނެވެ. އަންނަ އަހަރުގެ ޖޫންއަށް މެސީ ބާސާ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މެސީގެ ސޮއި ހޯދާ ޓީމަކުން އެކަން ކުރާނީ ހިލޭ ޓްރާންސްފަރ އެއްގައެވެ.

ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އާއި މެސީއާއި ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން މެސީ ދިއުން އެންމެ ގާތީވެސް ސިޓީއަށެވެ. މެސީ އަބަދުވެސް އެންމެ މަސައްކަތް ކުރަން ބޭނުންވާ ކޯޗަކީ ގާޑިއޯލާ ކަމަށް އެތައް ފަހަރަކު އޭނާ ބުނެފައިވެއެވެ. އެންމެ ފަހުން މެސީ ސިޓީއަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތައް ދެއްކިއިރު ސިޓީ އިން މެސީއާއި އެކު 5 އަހަރުގެ އެއްބަސްވުމެއްގެދަށުން 830 މިލިއަން ޑޮލަރު ހުޅަހަޅަން ނިންމާފައިވާކަމަށް ވެސް ބައެއް ކުޅިވަރު ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

އެހެނެންނަމަވެސް ފަހުން މެސީ ވަނީ އޭނާ ބާސާ ދޫކޮށްލަން ނިންމި ނިންމުން ބަދަލުކޮށް އެއްބަސްވުމުގެ މުއްދަތުހަމަވަންދެން ބާސާގައި މަޑުކުރަން ނިންމާފައެވެ،

ބެރާޑާ މެންޗެސްޓަރ އީވްނިންގް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މެސީގެ ސޮއި ސިޓީއިން ހޯދުން އެއީ ވަރަށް ގާތުގައި އޮތްކަމެއް ކަމަށާއި މެސީއަކީ ކޮންމެ ހާލަތެއްގައިވެސް މެޗުގެ ނަތީޖާ ބަދަލްކޮށް ޓީމަށް ކާމިޔާބީ ހޯދާދިނުމުގެ ގާބިލްކަން ހުރި ކުޅުންތެރިއެއް ކަމަށެވެ. އަދި މިހާރުއްސުރެ މެސީ ގެނައުމަށް މާލީގޮތުން ޓީމު ތައްޔާރުވަމުން ދާކަމަށްވެސް ބެރާޑާ ވަނީ ބުނެފައެވެ. ބެރާޑާ އިތުރަށް ބުނީ މެސީ ގެނައުމުން ޓީމުގެ މިވަގުތުގެ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިދާނެކަމަށާއި އެހެންނަމަވެސް ވަގުތު އައިސް ޖެހެންވާއިރަށް ޓީމު މާލީގޮތުން ވެސް އަދި އެހެނިހެން ގޮތުންވެސް އޮންނާނީ ތައްޔާރަށް ކަމަށެވެ.

އުމުރުން 33 އަހަރުގެ މެސީ އަކީ ފުޓުބޯޅައިގެ ދިގު ތާރީހުގައިވެސް އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިއާއެވެ. ބާސާ އާއިއެކު ހޭދަކުރި 16 އަހަރުގައި މެސީ ވަނީ އެޓީމާއެކު ޖުމްލަ 34 ޓްރޮފީއެއް ހޯދާފައެވެ. އަދި އެޓީމަށް 600 އަށްވުރެ ގިނަ ލަނޑު އޭނާވަނީ ކާމިޔާބުކޮށްދީފައެވެ.