އއ. އުކުޅަސް އަދި ދ. މީދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިންގ ސިސްޓަމް ގާއިމްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ކޯލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގައި މިއަދު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީއެވެ. އަދި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރ ހުސައިން އަބްދުލްހަކީމްއެވެ.

މި އެއްބަސްވުމުގެ ދަށުން ސައިޓް ހަވާލުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހެއެވެ. އަދި 100 ދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ ގޮތަށް މަސައްކަތް ނިންމަން ޖެހެއެވެ. މި މަސައްކަތް އެ ކުންފުންޏާއިި ހަވާލުކޮށްފައިވަނީ 3،259،792.78 ރުފިޔާއަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން މިއަހަރުގެ މިހާތަނަށް ގިނަ ރަށްރަށެއްގައި ވަނީ ފުޓުބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ފަށާފައެވެ. އަދި ބައެއް ރަށްތަކުގައި އެ މަސައްކަތް ނިމިފައިވާއރު އަނެއްބައި ރަށްރަށުގައި އެ މަސައްކަތް ދަނީ ބާރަށް ކުރިޔަށެވެ. މީގެތެރެއިން ގިނަ ދަނޑުތަކެއްގެ ސަބް ބޭސް އެޅުމުގެ މަަސައްކަތް ވަނީ ނިންމާފައެވެ.

ސަރުކާރުގެ ވައުދުތަކުގެ ދަށުން ރާއްޖޭގައި އަޅާ މި ދަނޑުތަކުގެ އިތުރުން ފުޓްސަލް ދަނޑުތައް ޒަމާނާއި އެއް ފެންވަރަކަށް ވަނ ތަރައްގީކުރަން ފަށާފައެވެ. މި ދަނޑުތަކުގެ ތެރެއިން ގިނަ ދަނޑުތަކެއްގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. އަދި ބައެއް ދަނޑުތައް ވަނީ ބޭނުންކުރަން ފަށާފައެވެ.