އާސެނަލްގެ ކޯޗު މިކެލް އާޓެޓާ އެޓީމުން ޕްރިމިއަރ ލީގަށާއި ޔޫރަޕާ ލީގަށް އެކުލަވާލި ސްކޮޑުން އެޓީމަށް ކުޅޭ ޖަރުމަނުގެ ތަޖުރިބާކާރު މިޑްފީލްޑަރު މެސަޓް އޮޒިލް ބާކީކުރަން ނިންމި ނިންމުމަށް ލެސްޓަރ ސިޓީގެ ކޯޗް ބްރެންޑަން ރޮޖާޒް ތާއީދުކޮށްފިއެވެ.

މިހާރު އަމަލުކުރެވެމުންދާ އާގަވައިދުގެ ދަށުން އޭލިސްޓުގެ ޓީމުތަކުން މުބާރާތަށް 25 ކުޅުންތެރިންގެ ސްކޮޑް ލިސްޓެއް ހުށަހަޅަންޖެހޭއިރު އެ ލިސްޓުގައި އެންމެ ގިނަވެގެން ޖެހޭނީ ގައުމުން ބޭރު 17 ކުޅުންތެރިންނެވެ. މިގަވައިދަށް އަމަލުކުރުމުގެ ގޮތުން އާޓެޓާ ދެމުބާރާތަކަށް އެކުލަވާލި ސްކޮޑުގައި އެޓީމުގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ މެސަޓް އޮޒިލް ހިމަނާފައިނުވާއިރު މިކަމާއި ގުޅިގެން އެކިފަހަރުމަތިން އޮޒިލް އާއި އަދި ފުޓުބޯޅައިގެ އެހެން ބައެއް މާހިރުން ފާޑު ކިޔަމުންދާ ދަނޑުވަޅެއްގައި ރޮޖާޒް ބުނީ އާޓެޓާގެ ނިންމުމަށް ތާއީދުކުރާ ކަމަށާއި ކުޅުންތެރިން ނުދައްކާ ކުޅުމެއް ގަދަކަމުން ކޯޗަކަށް ނުދެއްކުވޭނެ ކަމަށާއި އެކުޅުންތެރިއަކަށް ޓީމުން ޖާގަދޭން ޖެހޭކަން ނުވަތަ ނޫންކަން އިނގޭނީ ކޯޗައް ކަމަށެވެ.

ރޮޖާޒް މިހެން ބުނެފައިވާއިރު މީގެ ކުރިން އާޓެޓާގެ ނިންމުމަށް އޮޒިލް ފާޑުކިޔުމުން އާޓެޓާ ވަނީ މިހާރު އެކުލަވާލާފައިވާ ޤަވާއިދުތަކާއި އެއްގޮތަށް އަމަލުކުރަމުން އަންނަ ގޮތާއިމެދު ކުޅުންތެރިން އިހްތިރާމް ކުރަންޖެހޭ ކަމަށް ބުނެ އޮޒިލްއަށް ރައްދުދީފައެވެ. އަދި އާޓެޓާގެ ރައްދާއެކު އެޔަށް ޖަވާބުދިނުމަށް އޮޒިލް ވަނީ އޭނާގެ ސަޕޯޓަރުންނަށް ހާއްސަކޮށް ކުރު މެސެޖެއްވެސް ދީފައެވެ. މިމެސެޖުގައި އޮޒިލް ބުނެފައިވަނީ ވަފާތެރިކަމާއިއެކު 2018 ވަނަ އަހަރު އާސެނަލާއި އެކު ހަދާފައިވާ އެއްބަސްވުން އާކުރީ ބުރަ މަސައްކަތްތަކެއް ކޮށް ޓީމާއެކު ކާމިޔާބީތަކެއް ހޯދައިދިނުމުގެ އަޒުމުގައި ކަމަށާއި ޓީމަށް އޭނާ ކޮށްދީފައިވާ އެއްވެސްކަމެއް ޓީމުން ބަލައިނުގަތް ކަމަށާއި ވަފާތެރިކަމަކީ މަދުން ނޫނީ ނުލިބޭ އެއްޗެއް ކަމަށް ބުނެ އޭނާވަނީ އާސެނަލްގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ރޮޖާޒް އިތުރަށް ބުނީ އޮޒިލްއަކީ ކުރިން ކިތަންމެ މޮޅަށް ކުޅޭ ކުޅުންތެރިއަކަށްވިޔަސް ފާއިތުވިތަނަށް ބަލާ ކުރިއަށް އޮތް މެޗުތަކަށް އޭނާ ސްކޮޑަށް ނެގުން މަޖުބޫރުނުވާނެކަމަށެވެ. އަދި ޓީމުން އޮޒިލް ބާކީކުރަން އާޓެޓާ ނިންމާނީ އާޓެޓާގެ ނަޒަރުގައި އޮޒިލް ޓީމަށް ނަގަން ޖެހޭވަރަށް ފަރިތަކުރުންތަކުގައި ޕާފޯމް ނުކުރެވޭތީކަމަށެވެ. އޮޒިލް އަކީ މޮޅުކުޅުންތެރިއެއް ނަމަވެސް ހަމައެކަނި އެޓޭކް ތަކުގައި ބައިވެރިވާ އެޓޭކިންގް މިޑްފީލްޑަރަކަށްވެފަ މިހާލަތުގައި އާސެނަލްއިން ޑިފެންސިވް ކުޅުންތެރިއަކު އެމަގާމަށް ލާން ބޭނުންނަމަ އެފުރުސަތު އާޓެޓާއަށް އޮންނަން ވާނެކަމަށްވެސް ރޮޖާޒް ވަނީ ބުނެފައެވެ.

އާސެނަލުން އޮކްޓޯބަރު މަހުގެ ކުރީކޮޅު ކޮންޓްރެކްޓް އުވާލުމަށް އޮޒިލްއާއެކު މަޝްވަރާވެސް ކޮށްފައެވެ. ނަމަވެސް މި މަޝްވަރާތައް ދަނީ އެހާ ރަނގަޅަކަށް ނޫނެވެ. އެގޮތުން އޮޒިލް ބޭނުންވަނީ އޭނާ އެ ކުލަބުގައި ބާކީ އޮތް ނުވަ މަސްދުވަހުގެ މުސާރައަށްވާ 13 މިލިއަން ޕައުންޑު ލިބޭގޮތަށެވެ. ނަމަވެސް އާސެނަލުން އެގޮތަކަށް އެއްބަހެއް ނުވެއެވެ. އެ ކުލަބުން ބޭނުންވަނީ ބާކީ ދުވަސްތަކުގެ ފައިސާ ނުލިބޭގޮތަށް ކޮންޓްރެކްޓް އުވާލާށެވެ. އަދި އާސެނަލުން އޮޒިލް ވިއްކާލުމުގެ މަސައްކަތް ފަށާފައިވާއިރު އޭނާ ހޯދުމަށް ސައުދީ އަރަބިއްޔާގެ ކުލަބެއް ކަމަށްވާ އަލް ނަސްރުން ވަނީ ބިޑުކޮށްފައެވެ. އެހެންނަމަވެސް އޮޒިލްވަނީ އެބިޑަށް ނޫނެކޭ ބުނެފައެވެ.