ޕްރިމިއަރ ލީގުގައި މިރޭ ސައުތެމްޕްޓަނާއި ދެކޮޅަށް ކުޅުނު މެޗުގައި އެވަޓަންގެ ޑިފެންޑަރު ލޫކަސް ޑީންއަށް ދެއްކި ރަތްކާޑަކީ ޖޯކެއް ކަމަށާއި އިންސާފާއި ހިލާފަށް ދެއްކި މި ކާޑު ބަލައިނުގަތުމަށް އެދި ޕްރިމިއަރ ލީގަށް މައްސަލަ ހުށަހަޅާނެ ކަމަށް އެވަޓަންގެ ކޯޗް ކާލޯ އެންޗެލޯޓީ ބުނެފިއެވެ.

ސައުތެމްޓަންގެ ދަނޑުގައި މިރޭ 0-2 އިން އެވަޓަން ބަލިވި މެޗުގެ 72 ވަނަ މިނެޓުގައި ކައިލް ވޯކަރ ޕީޓަރސްއަށް ޑީން ފަހަތުން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

އެހެންނަމަވެސް ޑީންއާއި އެވަޓަންގެ ކުޅުންތެރިންގެ އިތުރުން އެޓީމުގެ ކޯޗް އެންޗެލޯޓީވެސް ބުނަނީ މިއީ ފައުލެއް ކަމަށާއި ރީނދޫކާޑެއް ދެއްކުމަކުން މައްސަލައެއް ނެތްކަމަށެވެ. އެހެންނަމަވެސް ސީދާ ރަތްކާޑެއް ދެއްކުމުން ފެނިގެންދަނީ ރެފްރީގެ ނާގާބިލުކަން ކަމަށް ބުނެ އޭނާވަނީ ރެފްރީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މިއަދުގެ މެޗުން އެވަޓަން ބަލިވެފައިވާއިރު މިއީ މިސީޒަނުގައި ޕްރިިއަރ ލީގުގައި އެޓީމު ބަލިވި ފުރަތަމަ ފަހަރެވެ. މެޗު ފެށުމުގެ ކުރިން މިސީޒަނުގައި އެޓީމާ ގުޅުނު ކޮލަމްބިއާގެ ތަރި ހަމޭސް ރޮޑްރިގޭޒް މެޗުގައި ނުކުޅެދާނެ ކަމަށް ކޯޗް ބުނިނަމަވެސް އޭނާވަނީ މެޗުގެ 90 މިނެޓު ކުޅެދީފައެވެ.

މެޗާ ބެހޭގޮތުން ވާހަކަދައްކަމުން އެންޗެލޯޓީ ބުނީ މެޗުގައި މޮޅަށް ކުޅުނީ ސައުތެމްޓަނުން ކަމަށާއި އެޓީމުން ހޯދީ ހައްގު މޮޅެއް ކަމަށެވެ. އަދި އެވަޓަންއަށް މެޗުގައި އެޓީމުގެ އަސްލުކުޅުން ދެއްކިފައިނުވާކަމަށާއި މެޗުން ބަލިވި ސަބަބަކަށް ދެއްކި ރަތްކާޑު ނުހަދާނެކަމަށްވެސް އެންޗެލޯޓީ ވަނީ ބުނެފައެވެ.

މި ނަތީޖާއާއެކުވެސް ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އޮތީ އެވަޓަންއެވެ. މެޗުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ޕޮއިންޓުގެ ގޮތުން އެއްވަރުވިނަމަވެސް އެވަޓަންއަށް ކުރިލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މިދެޓީމްވެސް ވަނީ 6 މެޗުން 13 ޕޮއިންޓުހޯދާފައެވެ. ސައުތެމްޓަނަށް ހަމެޗުން ހޯދި 10 ޕޮއިންޓާއިއެކު ލިބެނީ ތާވަލްގެ ފަސްވަނައެވެ.