އައިސްލޭންޑްގެ ކަރަންޓީން ގަވާއިދުތަކާ ޚިލާފުވުމުން މިދިޔަ ސެޕްޓެމްބަރު މަހު އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ބާކިކުރި ދެ ކުޅުންތެރިންގެ ތެރެއިން ފިލް ފޯޑެން އެނބުރި އިނގިރޭސި ޓީމާއި ގުޅިއްޖެއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި އައިސްލެންޑް އަތުން 1-0 ން އިންގްލެންޑް މޮޅުވި މެޗަށްފަހު ފިލް ފޯޑެން އާއި މޭސަން ގްރީންވުޑް ވަނީ ކަރަންޓީނުގެ އުސޫލުތަކާއި ހިލާފަށް އައިސްލޭންޑުގައި އިނގިރޭސި ޓީމު ތިބި ހޮޓަލަށް އިތުރު ބަޔަކު ވައްދާފައެވެ.

މި މައްސަލައިގައި ދެ ކުޅުންތެރިން ސަސްޕެންޑުކުރި އިރު ގިނަބައެއްގެ ފާޑުކިޔުން ވަނީ މި ދެ ކުޅުންތެރިންނަށް އަމާޒުވެފައެވެ. ނަމަވެސް ފަހުން މި ދެ ކުޅުންތެރިން ވަނީ މައާފަށްއެދިފައެވެ. ފޯޑެން އަށް ފުރުސަތު ދިން ނަމަވެސް މޭސަން ގްރީންވުޑް އަށް އަދި ފުރުސަތެއް ނުލިބެއެވެ. ރިޕޯޓުތައް ބުނާގޮތުން ފޯޑެން އަށް ފުރުސަތު ދިނީ ޓީމުގައި އަނިޔާގެ މައްސަލަ ބޮޑުވުމުން އިތުރު ހައްލެއް ގެނައުމުގެ ގޮތުންނެވެ.

އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް މީގެކުރިން ބުނީ ކޮވިޑް-19 އާ ގުޅިގެން އައިސްލެންޑުން އެކުލަވާލާފައިވާ ކަރަންޓީން އުސޫލުތަކާ ޚިލާފަށް ފޯޑެން އާއި ގްރީންވުޑް އަމަލުކޮށްފައިވާ ކަމަށާއި އެ ދެ ކުޅުންތެރިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތަކުގެ ދަށުން އެނބުރި އިންގްލެންޑަށް ދާނެ ކަމަށެވެ.

މީގެ ކުރިން ނޭޝަންސް ލީގު ފެށުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާވެސް ވަނީ ސްކޮޑުން ބާކީކޮށްފައެވެ. އެފަހަރު މެގުއާ ސްކޮޑުން ބާކީކުރީ ގްރީސްގެ ޖަޒީރާ ރަށެއް ކަމަށްވާ މައިކޯނޯސްގައި ޗުއްޓީ ހޭދަކުރިއިރު ހިނގާދިޔަ މާރާމާރީއާ ގުޅިގެން މެގުއާއާ ދެކޮޅަށް ކުރި ދައުވާ، އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެންނެވެ.

ޔުއެފާ ނޭޝަންސް ލީގުގައި އިންގްލޭންޑް ދެން މެޗެއް ކުޅޭނީ އަންނަ ހޯމަދުވަހުއެވެ. އެ ދުވަހު ބައްދަލުކުރާނީ ބެލްޖިއަމް އާއެވެ.،