ކިތަންމެ ގޮންޖެހުންތަކެއް ހުރި ނަމަވެސް މާދަމާ ސީރިއާ އާއި ދެކޮޅަށް ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް ނެރުމަށް ކުރެވެން ހުރި ކަމެއް ކުރާނެކަމަށް ގައުމީ ކޯޗު ނެދަލޭންޑްސްގެ މާޓިން ކޫޕްމަން ބުނެފިއެވެ.

ފީފާ ވޯލްޑްކަޕް އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕުގެ ފަހު މެޗުތައް މާދަމާ ފަށަނީ ދުބާއިގައެވެ. މި މެޗުތަކާ ކުރިމަތިލާއިރު ގައުމީ ޓީމު ވަނީ ދުބާއިގައި ކޭމްޕުކޮށްފަައެވެ. ނަމަވެސް ރަނގަޅު މެޗެއް ނުކުޅެ ވަރުގަދަ މެޗަކާއި ކުރިމަތިލުމަކީ ބޮޑު ޗެލެންޖެއްގެ ގޮތުގައި ގައުމީ ކޯޗު ފާހަގަކުރެއެވެ.

ކޯޗު ބުނީ ބޮޑު މެޗަކާއި ކުރިމަތިނުލާ ތާވަލުގެ އެއްވަނައިގައި އޮތް ސީރިއާ އާއި ރާއްޖެ ދެން ކުޅެން ޖެހޭ އެހެން މެޗުތަކަށް ތައްޔާރުވާން ޖެހުނީ ވީޑީއޯ ބަލައިގެން ކަމަށެވ. ނަމަވެސް އެ ވީޑިއޯތައް ބަލައިގެން ގައުމީ ޓީމުގެ ކަންކަން ބައްޓަންނުކުރާނެ ކަމަށެވެ. އަދި ރަނގަޅު ނަތީޖާއެއް ނެރުމަށް ޓީމުން ގަދައަޅާ މަސައްކަތްކުރާނެ ކަމަށްވެސް ކޯޗު ބުންޏެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު އަދި ކެޕްޓަން -- ފޮޓޯ: ފާއިދު/ އެފްއޭއެމް

ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް އެންމެ ފުރަތަމަ ބާއްވަން މަސައްކަތްކުރީ ޗައިނާގައެވެ. ނަމަވެސް އެ ގައުމުގައި މެޗުތައް ނުކުޅެވޭނެތީ ފަހުން ވަނީ ދުބާއިއަށް ބަދަލުކޮށްފައެެވެ. ޗައިނާގައި މެޗު ނުކުޅެވުނީ ރާއްޖެ ހިމެނޭހެން ސީރިއާ އާއި ފިލިޕީންސް ޓީމަށް ޗައިނާއަށް އެތެރެވުމުގެ ހުއްދަ ނުލިބުމުންނެވެ. އެއާއެކު އޭއެފްސީން ވަނީ މެޗުތައް ދުބާއި އަށް ބަދަލުކޮށްފައެވެ.

ރާއްޖެއަށް ބާކީ އޮތީ ތިން މެޗެވެ. އެއީ ސީރިއާ އާއި ފިލިޕީންސް އަދި ޗައިނާއާއި ދެކޮޅަށް ކުޅެން އޮތް މެޗެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީގައި ހަވާލުވި ކޯޗު ގަައުމީ ޓީމާއެކު ނިކުންނަ ފުރަތަމަ މެޗެވެ.

ރާއްޖެއާއި ސީރިއާ ބައްދަލުކުރާ މި މެޗު ފަށާނީ ރާއްޖެގަޑިން ހުކުރުދުވަހުގެ ރޭ 21:00 ގައެވެ.