ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރަޕިއަން ކޮލިފިކޭޝަނުގެ ގްރޫޕް ޑީގައި ރޭ ޔޫކްރެއިން އިން އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސްއާއި 1-1 އިން އެއްވަރުކޮށްފި އެވެ.

މިދިޔަ ހަފުތާގައި ފްރާންސް ކުޅުނު ކޮލިފިކޭޝަން މެޗުންވެސް ވަނީ އެއްވަރުވެފައެވެ. އެ މެޗުންވެސް ފްރާންސް އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މި ދެ މެޗުންވެސް ފްރާންސް އެއްވަރުކުރީ އިދިކޮޅުން ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރާއެވެ.

ޔޫކްރެއިންގެ މަޝްހޫރު އޮލިމްޕިސްކީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ޔޫކްރެއިން އިން ލީޑު ނެގި ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިކޮލާ ޝަޕަރެންކޯ އެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުން އޭނާ ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.

މި ލަނޑަށްފަހު ފުރަތަމަ ހާފުގެ ކުޅުން ނިމި ދެވަނަ ހާފުގައި ފްރާންސް އިން ވަނީ މި ހާފު ފަށައިގެން ނަތީޖާ ހަމަހަމަކުރަަން ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ކުުޅުން ފެށިތާ ފަސް މިނެޓުފަހުން ފްރާންސް އިން ވަނީ ނަތީޖާ ހަމަހަމަކުރި ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއަލް އެވެ. މިއީ 2016 ގެ ފަހުން ގައުމީ ޓީމަށް މާޝިއަލް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ކޮލިފައިންގައި ފްރާންސް މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު ފްރާންސް އޮތީ ތާވަލުގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ފިންލޭންޑް އޮތީ ފްރާންސްއަށް ވުރެ ދެ މެޗު މަދުން ކުޅެގެން ފަސް ޕޮއިންޓާއެކު އެވެ. ޔޫކްރެއިން ތިންވަނައިގައި އޮތީ ކުޅުނު ފަސް މެޗުން ލިބުނު ފަސް ޕޮއިންޓާއެކު އެވެ.

މި ގްރޫޕުގައި ރޭ ފިންލޭންޑާއި ކިރްގިސްތާން ކުޅުނު މެޗު ފިންލޭންޑް ކާމިިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ގްރޫޕް ޖީ ގައި ނެދަލޭންޑްސް އާއި މޮންޓެނިގްރޯ ބައްދަލުކުރި މެޗު 4-0 އިން ކާމިޔާބުކުރީ ނެދަލޭންޑްސް އެވެ. ގްރޫޕް އެފްގައި ފެރޯ އައިލޭންޑްސް އަތުން 1-0 އިން ޑެންމާކް ވަނީ މޮޅުވެފައެވެ.