މެސީ ހިތްހަމަނުޖެހިގެން އެއްވެސް ވާހަކައެއް އަދި މިހާތަނަށް ނުދައްކާ ކަމަށާއި އޭނާ ބަދަލުކުރީ ލިޔޯންގެ ކުޅުންތެރިންގެ ފަރާތުން އަނިޔާއެއް ވެދާނެތީ އެކަމުން ސަލާމަތްކުރުމަށް ކަމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ކޯޗު ޕޮޗެޓީނޯ ބުނެފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ލިޔޯން އަތުން 2-1 އިން މޮޅުވި މެޗުގެ ދެވަނަ ހާފުގައި މެސީ ވަނީ ބަދަލުކޮށްފައެވެ. މިއީ މެސީ ޕީއެސްޖީއާއި ގުޅުނު ފަހުން ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގެ ފުރަތަމަ ހާފުގައި މެސީއަށް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ.

މެސީ ބަދަލުކުރިއިރު ގިނަބައެއްގެ ލޮލުގައި އަޅައިގަތީ މެސީ ބަދަލުކޮށް ދަނޑުން ފޭބިފަހުން ކޯޗު ޕޮޗެޓީނޯ އޭނާއާއި ސަލާންކުރަން އަތް ދިއްކުރުމުން ސަލާމްނުކޮށް މޫނަށް ކުލަވަރު އެރުވުމުންނެވެ.

މި މެޗަށްފަހު ކޯޗު ޕޮޗެޓީނޯއާއި ގިނަބަޔަކު އުފެއްދީ މި ސުވާލެވެ. މި ސުވާލުގެ ޖަވާބުގައި ކޯޗު ބުނީ އެ ނިންމުމާއި ގުޅޭގޮތުން މެސީއާއި އެއްވެސް ވަރަކަށް ހިިޔާލުތަފާތު ނުވާކަމަށާއި އެއީ ރަނގަޅު ނިންމުމެއް ކަމަށް މެސީ ބުނެފައިވާކަމަށެވެ.

"ކުރިޔަށް މުހިއްމު މެޗުތަކެއް ޕީއެސްޖީއަށް އެބަހުރި، އަހަރެން ބޭނުމެއްނޫން ރިސްކެއް ނަގާކަށް، މެސީ ބަދަލުކުރީ އޭނައަށް އިންޖަރީއެއް ކުރިމަތިނުވާނެ ގޮތަކަށް ވިސްނާފަ، އެއީ އިދިކޮޅުން ކުޅުނީ ވަރުގަދަ އެގްރެސިވް ކުޅުމެއް" ޕޮޗެޓީނޯ ބުންޏެވެ.

ޕޮޗެޓީނޯ ބުނީ ޕީއެސްޖީގައި މިވަގުތު އޮތީ މުއްސަނދި ސްކޮޑެއް ކަމަށާއި ސްކޮޑުގައި ހިމެނޭ 35 ކުޅުންތެރިންނަކީ ވެސް ހުނަރުވެރި މޮޅު ކުޅުންތެރިން ކަމަށާއި ކޮންމެ މެޗަކަށް 11 ކުޅުންތެރިން ހޮވަންޖެހޭ އިރު އެއީ ޗެލެންޖިން ކަމެއް ކަމަށެވެ.

ޕީއެސްޖީއާއި ގުޅުމަށްފަހު މެސީ ކުޅުނު އެެއްވެސް މެޗެއްގައި އޭނާއަަށް އަދި މިހާތަނަށް ލަނޑެއް ކާމިޔާބެއްނުކުރެވެއެވެ. ނަމަވެސް ރަނގަޅު ފުރުސަތުތަކެއް އޭނާ ވަނީ ތަނަވަސްކޮށްފައެވެ.