ޓީމުގެ މޮޅުވުމުގެ ރޫހާއި ކޮންފިޑެންސް ލެވެލްއަށް ބަލާއިރު ބަންގްލަދޭޝް ވަރުގެ ޓީމެއް މިވަގުުތު މުޅި ދުނިޔޭގައިވެސް ނެތްކަމަށް ބަންގްލަދޭޝް ގައުމީ ކޯޗު އޮސްކާ ބްރުޒޮން ބުނެފިއެވެ.

ސަރަހައްދުގެ ގަދަބާރު އިންޑިއާއާއި ދެކޮޅަށް ކުޅޭ މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ވަނީ އިންޑިއާއަށް ވުރެ މި މެޗުގައި ބަންގްލަދޭޝް ހާލަތަށް ބަލާއިރު ހުރިހާގޮތަކުން ވެސް ވަރުގަދަކަމަށް ބުނެފައެވެ.

ފުރަަތަމަ މެޗުގައި ބަންގްލަދޭޝް ވަނީ 1-0 ގެ ނަތީޖާއަކުން ސްރީލަންކާ ބަލިކޮށްފައެވެ. މިއީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗެވެ.

މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު އޮސްކާ ބްރުޒޮން ބުނީ ރާއްޖޭގައި މި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި އެންމެ ވަރުގަދަ ޓީމަކީ ބަންގްލަދޭޝް ކަމަށެވެ. އަދި ޓީމު މިވަގުތު އޮތް ހާލަތާއި ކޮންފިޑެންސް ލެވެލްއަށް ބަލާއިރު މުޅި ދުނިޔޭގައިވެސް ބަންގްލަދޭޝް ވަރުގެ ޓީމެއް ނެތްކަމަށް އޮސްކާ ބްރުޒޮން ބުންޏެވެ.

ލަނޑު ޖެހުމަށްފަހު ބަންގްލަދޭޝްގެ ކުޅުންތެރިން އުފާފާޅުކުރަނީ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އޮސްކާ ބްރުޒޮން އަކީ އެ ގައުމުގެ ބަޝުންދުރަ ކިންގްސްގެ ކޯޗެވެ. އޭނާ ބަންގްލަދޭޝް ގައުމީ ޓީމަށް ގެނައި އެގައުމުގެ ފުޓުބޯޅައިގެ މައި އިދާރާގެ އެދުމުގެ މަތިންނެވެ. އެއީ އެ ގައުމުގެ ހެޑް ކޯޗަށްވުރެ އޮސްކާ ބްރުޒޮންއަށް އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ. އެއާއެކު މިފަހަރު ބަންގްލަދޭޝް ގައުމީ ޓީމުގައިވެސް ގިނައިން ތިބީ އޭނާ ކޯޗުކަންކުރި ބަޝުންދުރަ ކިންސްގެ ކުޅުންތެރިންނެވެ.

ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި އިންޑިއާގެ މައްޗަށް ބަންގްލަދޭޝް އަދި މިހާތަނަށް ކުރިނުހޯދެއެވެ. އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރީ ވޯލްޑްކަޕް ކޮލިފައިންގެ މެޗެއްގައި މިއަހަރުގެ ޖޫންގައެވެ. އެ މެޗު 2-0 އިން ކާމިޔާބުކޮށްފައިވަނީ އިންޑިއާއެވެ.

އޮސްކާ ބުނީ އިންޑިއާ ޓީމަކީ ތާރީހުގެ ގޮތުން ބަލާއިރު މި ސަރަހައްދުގައި ވަރުގަދަ ޓީމެއް ކަމަށާއި ނަމަވެސް ފަހަކަށް އައިސް އިންޑިއާ ފެންނަނީ ކުރިޔަށްވުރެ ބަލިކަށިކޮށް ކަމަށެވެ. އަދި މެޗުގެކުރިން އިންޑިއާއިން ބަންގްލަދޭޝް ކުޅުންތެރިންގެ ސިކުނޑިއަށް ސަވާރުވާން މަސައްކަތްކުރާނެ ކަމަށާއި އެއަށްވުރެ ބަންގްލަދޭޝްގެ ކުޅުންތެރިން ތިބީ މާ އަޒުމު ވަރުގަދަކޮށް ކަމަށް ކޯޗު ބުންޏެވެ.

މެޗާއި ކުރިމަތިލާއިރު ބަންގްލަދޭޝްއަށް އެއްވެސް ޕްރެޝަރެއް ނެތްކަމަށާއި ހުރިހާވެސް ޕްރެޝަރެއް އޮންނާނީ އިންޑިއާގެ ކަމަށް ކޯޗު ބުންޏެވެ. އަދި ސުނިލް ޗެތްރީ ހުއްޓުވާނެ ގޮތް ޓީމުގެ ކުޅުންތެރިންނަށް އެނގޭކަމަށާއި އުއްމީދުކުރަނީ މެޗުން ރަނގަޅު ނަތީޖާއަކަށް ކަމަށް ކޯޗު ބުންޏެވެ.