އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ފުޓުބޯޅަ ޓީމުން ބޭނުންކުރަމުންދާ ޖާރޒީ ހުއްދަނެތް ބަޔަކު ވިއްކަމުންދާ ކަމަށާއި އެފަދަ ފަރާތްތަކުން އެކަން ނުހުއްޓައިފިނަމަ ގާނޫނީ ހައްލު ހޯދާނެކަމަށް ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމުން ބުނެފިއެވެ.

މުބާރާތުގެ އޮފިޝަލް ޖާރޒީ އުފައްދާ ވިއްކުމުގަ ހަމައެކަނި ހުއްދަ ދީފައިވާ ފަރާތަކީ އައިލޭންޑް އެޕެރަލްސް އެވެ. މިއީ ކޮންޓްރެކްޓެއްގެ ދަށުން މިކަން ކުރަން ހަވާލުކޮށްފައިވާ ބައެކެވެ. މިއީ ދިވެހި ބަޔަކަށް މިފަހަރު ޖާރޒީ ތައްޔާރުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެފްއޭއެމުން ނިންމި ނިންމުމެކެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގެ މަޝްހޫރު ބައެއް ޖާރޒީ އުފައްދާ ތަންތަނުގެ އިތުރުން ބައެއް އާންމު ފަރާތްތަކުން ވެސް ދަނީ ގައުމީ ޓީމުގެ އޮފިޝަލް ޖާރޒީއާއި އެއްގޮތް ސިފަތަކެއް އެކުލެވޭ، ނުވަތަ އެ ޖާރޒީއާއި ދާދި އެއްގޮތް ޖާރޒީތަކެއް ބޮޑުއަގުގައި ވިއްކަމުންނެވެ. މި ޖާރޒީ ޕްރޮމޯޓުކުރުމުގެ ކަންކަން ވެސް އެ ތަންތަނުން ދަނީ މީސްމީޑީއާގައި ކުރަމުންނެވެ.

ފޭކު ޖާރޒީ އުފައްދާ މައްސަލަ ބޮޑުވުމާއި ގުޅިގެން އެފްއޭއެމުން ވަނީ ރޭ ބަޔާނެއް ނެރެފައެވެ. ބަޔާނުގައި ބުނެފައިވަނީ އެ އެސޯސިއޭޝަންގެ ފަރާތުން ސާފް ޗެމްޕިއަންޝިޕްގައި ބޭނުންކުރަން ތައްޔާރުކޮށްފައިވާ އޮފިޝަލް ޖޯޒީ އަކީ ވަކި އެއްބަސްވުމެއްގެ ދަށުން ވަކި ބަޔަކަށް ރައިޓްސް ދީގެން ވިއްކުމަށް ހުއްދަދީފައިވާ ޖޯޒީ އެއް ކަމަށެވެ

ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްޢަނީ ގައުމީ ޓީމުގެ އާ ޖާރޒީއާއެކު-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ޖާރޒީ ވިއްކުމުގެ ހުއްދަ ދީފައިވާ ފަރާތް ފިޔަވައި އެހެން ފަރާތަކުން އޮފިޝަލް ޖޯޒީ ވިއްކުން ހުއްޓާލުމަށް އިލްތިމާސްކުރާ ކަމަށާއި ކޮޕީރައިޓް ގާނޫނުގައި ބަޔާން ކުރާ ހަމަތަކާ ހިލާފަށް އެފްއޭއެމްގެ ހުއްދަ ނެތި ގައުމީ ޓީމުގެ އޮފިޝަލް ޖޯޒީ ވިއްކަމުންދާ ނަމަ އެފަދަ ފަރާތްތަކާ ދެކޮޅަށް އެފްއޭއެމުން ގާނޫނީ ހައްލު ހޯދާނެ ކަމަށް އެފްއޭއެމުން ވަނީ އިންޒާރުދީފައެވެ.

"މުބާރާތުގައި ބޭނުންކުރުމަށް، ފަރުމާކޮށްފައިވާ އޮފިޝަލް ޖޯޒީ ވިއްކުމަށް ބޭނުންވަނަމަ ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ތިޔަ އެންމެހާ ފަރާތްތަކުން އަމަލުކޮށް ދެއްވުމަށެ އެދެން" އެފްއޭއެމުން ބަޔާނުގައިވެއެވެ.

ގައުމީ ޓީމުގެ ޖޯޒީ ޑިޒައިންކޮށްފައިވަނީ ޑިޒައިނަރު، ޢަބްދުﷲ ނަޝާތު އެވެ. އޭނާގެ އެ ޑިޒައިންއާއެކު އައިލޭންޑް އެޕެރަލްސް އިން ވަނީ ޖާރޒީއަށް އޯޑަރުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލީ

    ކޮބާތަ ދެން އޭގަ މައްސަލައަކީ. އެފްއޭއެމްއިން ޖާރޒީ ބަހަންވީނު ދެން

    5
    1
  2. މަ

    ތި ދެން މީހަކު ލާނެތަ.

    2
    1
  3. އަހުމަދު

    ބޯނަސްދޭން ލާރިކޮޅެއް ލިބިދާނެ ބަޔަކުޖޫރިމާނާ ކޮއްލީމަ

  4. އަލްޖިބްރާ

    ތިކިއަނީ ޤައުމީ ޓީމުގެ ޖޯޒީއޭ ! އެހެންވެއްޖިޔާ ޤައުމީ ވަންތަކަމަކީ ވަކިބަޔަކު އެވިއްކައިގެން ފައިސާގަޑެއް މަޅާލުންތަ ؟ ޖޯޒީ ވިއްކަން ޖެނީ ހަމައެކަނި އެފްއޭ އެމުންތަ ؟ ޤައުމީ ކަމެއްގެއެންމެ މޮޅުގޮތަކީ ޖާޒީ އެންމެނަށްވެސް ހިލޭ ލިބުން ! އެހެންނޫނީ އެހެންމީހުންވެސް ވިއްކަން ހުއްދަވެސް އޮންނަން ޖެހޭނެ !

  5. Anonymous

    މިއީ ދެން ރާއްޖޭގައި އެންމެ ބޮޑު ބަލިމަޑުކަން.
    "ގައުމީ ޓީމުގެ ޖޯޒީ ޑިޒައިންކޮށްފައިވަނީ ޑިޒައިނަރު، ޢަބްދުﷲ ނަޝާތު އެވެ."
    މީނާ ދެން ގުއިގަޑެއް ކުރެހިއަސް އެވަރެއްނޯންނާނެ ދެން.... އާންމުފަރާތްތަކުން ކިހާރީތި ޖާޒީތައް ހަދާލާފަ އެހެރީ.