ކޮޅަށް ހުރުމަށްވުރެ ނޭމާ ބޮޑަށް އިސްކަންދެނީ ބިންމަތީގައި އޮންނަން ކަމަށް މެކްސިކޯގެ ޑިފެންޑަރު މިގޭލް ލަޔުން ބުނެފިއެވެ.
ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މެކްސިކޯ އަތުން 0-2 އިން ބްރެޒިލް މޮޅުވި މެޗުގައި ނޭމާގެ ފަރާތުން ފެނިގެންދިޔަ ކަންތައްތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެގެން ގޮސްފައެވެ. އެގޮތުން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ މެކްސިކޯގެ ލަޔޫން ނޭމާގެ ފަޔަށް ކުޑަކޮށް އެރުމުން ނޭމާ ޖެއްސި ވައްތަރުންނެވެ.
އެ މެޗަށްފަހު ލަޔުން ބުނީ ނޭމާ ބޮޑަށް އިސްކަން ދެނީ ބިންމަތީގައި އޮންނަން ކަމަށާއި އެކަން ކުރަން ބޭނުންވާނަމަ ގެއަށް ގޮސް ނިދުން ވެސް މާ ބުއްދިވެރިވާނެ ކަމަށެވެ.
"ނޭމާ ބިންމަތީގައި އޮއްވާ އަހަންނަށް އޭނާގެ ގައިގައި ޖެހުނީ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި. އަހަންނަށް އިނގޭ ނޭމާގެ ހުރި ހުނަރާއި އަދި އޭނާގެ އުކުޅުތައް ވެސް. " ލަޔުން ބުންޏެވެ.
ނޭމާ އަކީ ހުނަރުވެރިން ފުރިގެންވާ ކުޅުންތެރިއެއް ކަމަށާއި ކޮންމެވެސް ދުވަހަކުން ކުޅުމަށް ވީހާވެސް ބޮޑަށް އޭނާ އިސްކަންދޭނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ލަޔުން ބުންޏެވެ.
"އެހެން ކަންކަމަށް އިސްކަން ދިނުމަށްވުރެ، ކުޅުމަށް ނޭމާ އިސްކަން ދޭނަމަ މާ ފުރިހަމަވާނެ. އެއީ އެންމެ މުހިއްމު ކަމަކީ ވެސް. އަހަންނަށް ބޮޑަށް ހީވަނީ ޕްރެޝަރުގައި ހުރީމަ ޕްރެޝަރު ދުއްވާލަން ނޭމާ ކުރާ ކަމެއްހެން އެއީ" ލަޔުން ބުންޏެވެ.
މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ މެޗުގައި ބްރެޒިލްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ވެސް ނޭމާއެވެ. އަދި ދެވަނަ ގޯލު ނޭމާ ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ފަމީނޯއެވެ.
މުބާރާތުގެ ކުއާޓާފައިނަލްގައި ބްރެޒިލް ބައްދަލުކުރާނީ ބެލްޖިއަމްއާއެވެ.
ހައްހައްހާާ !! ޔޫ ގެޓް ދަ ބެސްޓް ޔޯގާ ޕޯސް ފްރޮމް މީ !!
ހަހަހަހަހަ........ހަމަ ރަނގަޅަށް ތި ބުނީ...