ޖަރުމަނު ލީގުގައި ބަޔާން ލެވަކޫސަން 5-1 ގެ ނަތީޖާއަކުން ބަލިކޮށް ގަދަބާރު ބަޔާން މިއުނިކް ލީގު ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.

ލެވަކޫސަން ދަނޑުގައި ކުޅުނު މި މެޗުގއި ބަޔާން މިއުނިކްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ރޮބަޓް ލެވަންޑޮސްކީ އެވެ. އޭނާ މި ލަނޑު ޖެހީ މެޗު ފަށައިގެން ތިންވަނަ މިނެޓުގައެވެ.

އޭގެފަހުން ބަޔާން މިއުނިކްގެ އަނެއް ހަތަރު ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ފަހު ހަތް މިނެޓުގެ ތެރޭގައެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި ލެވަންޑޮސްކީ ދެވަނަ ލަނޑު ޖެހއިިރު އޭގެ ހަތަރު މިނެޓުފަހުން ލީޑު ފުޅާކޮށްދިނީ ތޯމަސް މުލާ އެވެ.

އޭގެ މިނެޓެއްފަހުން ސާޖް ގްނަބްރީ ބަޔާންގެ ހަތަރުވަނަ ލަނޑު ޖެހިއިރު 37 ވަނަ މިނެޓުގައި އެ ޓީމުގެ ފަސްވަނަ ލަނޑު ޖެހީވެސް އޭނާ އެވެ.

މެޗުގައި ބަޔާން ލެވަކޫސަންގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 55 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިމިދިޔަ ޔޫރޯގައި ޗެކް ރިޕަބްލިކް އަށް މޮޅު ކުޅުމެއް ދެއްކި ޕެޓްރިކް ޝިކް އެވެ.

މި މެޗާއި ކުރިމަތިލިއިރު ޖަރުމަނު ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތީ ބޮރޫޝިއާ ޑޯޓްމަންޑް އެވެ. ލެވަކޫސަން ބަލިކޮށް ހޯދި މި މޮޅާއެކު ބަޔާން ތާވަލުގެ އެއްވަނައިގައި އޮތީ 19 ޕޮއިންޓާއެކު އެވެ. ތާވަލުގެ ދެވަނައިގައި ވަނީ 18 ޕޮއިންޓާއެކު ބޮރޫޝިއާ ޑޯޓްމަންޑް އެވެ.