މެޗުގެ އިތުރުވަގުތުގައި ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ލަނޑާއި އެކު ފްރެންޗް ލީގުގައި ޕީއެސްޖީން 1-0 އިން ރެނެސް ބަލިކޮށްފިއެވެ.

މި މޮޅާއެކު ޕީއެސްޖީ ވަނީ ފްރެންޗް ލީގު ތާވަލުގެ އެއްވަނައިގައި 16 ޕޮއިންޓަށް ލީޑު ފުޅާކޮށްފައެވެ. މިހާރު ޕީއެސްޖީ އެއްވަނައިގައި އޮތީ ކުޅުނު 24 މެޗުން ލިބުނު 59 ޕޮއިންޓާއެކު އެވެ. ދެވަނައިގައި މާސޭ އޮތީ ކުޅުނު 23 މެޗުން 43 ޕޮއިންޓާއެކު އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރެނެސް ވަނީ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައެވެ. ބެންޖަމިން ފޮނުވާލި އެ ބޯޅަ ޕީއެސްޖީ ކީޕަރު ނަވާސް ވަނީ ހުށިޔާރުކަމާއި އެކު ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް އެމްބާޕޭއަށް ލިބިގެންދިޔަ އެވެ. އޭނާ ފޮނުވާލި އެ ބޯޅަ އަމާޒުވީ ދަނޑިއަށެވެ. އޭގެފަހުން ދެވަނަ ހާފުގެ ކުރީކޮޅު އެމްބާޕޭ ޖެހި ލަނޑެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) އިން ބަލައެއްނުގަތެވެ.

މެޗުން ޕީއެސްޖީ މޮޅުވި ލަނޑު އެމްބާޕޭ ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ތެރޭގައެވެ. އެމްބާޕޭ މި ލަނޑު ކާމިޔާބުކޮށްފައިވަނީ މެސީ ދިން ބޯޅައަކުންނެވެ ގޯލުގެ ކަނަށް އަމާޒުކޮށްގެންނެވެ.

ޕީއެސްޖީއަށް ކުރިޔަށް ދެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު އޮތީ އަންނަ އަންގާރަދުވަހުގައެވެ.