ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކުރާ ފުރަތަމަ ޓީ ޓެން ކްރިކެޓް މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ.

ސްކައިފޯލްގައި މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު ބޭއްވިއިރު މި މުބާރާތުގައި ބައިވެރިވެފައިވަނީ 10 ޓީމެވެ މުބާރާތް ކުރިއަށްދާނީ މިމަހުގެ 18 އިން މާރޗް މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޖުމްލަ 28 މެޗް ކުޅޭއިރު މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލާގެންއެވެ. މިއީ ރާއްޖޭގައި ޓީ ޓެން ކްރިކެޓް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި ޖުމްލަ 10 އާއެކު ކުޅޭ ފުރަތަމަ މުބާރާތްވެސް މެއެވެ.

ބައިވެރިވެފައިވާ ޓީމްތައް

  1. މާލޭ ވެޓްރަންސް ކްލަބް
  2. މާލޭ ސްޕޯރޓްސް ކްލަބް
  3. މިލާން ކްރިކެޓް އެކަޑަމީ
  4. ނިއު ސްޓާރ
  5. ސީބީއެލް ސްޕޯރޓްސް
  6. އޮފް އެފް ސީ
  7. އައިޒީ ސްޕޯރޓްސް ކްލަބް
  8. ވެސްޓް ސްޕޯރޓްސް ކްލަބް
  9. ކްލަބް ވިޔަންޒާ
  10. ކޮމެޓްސް ކްރިކެޓް ކްލަބް
  11. މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ކްރިކެޓް ބޯޑު

ގުރުއަތުލުން ނިމުމުން ކްރިކެޓް ބޯރޑުގެ ރައީސްވަނީ ކްލަބްތަކާއި މުހާތަބުކޮށް ކުރިއަށް ހުރި މުބާރާތްތަކާއި ބެހޭގޮތުން މައުލޫމާތު ސާފުކޮށްދީފައިވެއެވެ.

މީގެތެރޭގައި 2022 ވަނަ އަހަރުގެ ޓީ ޓްވެންޓީ ނިމުމުން އެންމެ މޮޅު ހަތަރު ޓީމުގެ މެދުގައި ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ "ޕްރެޒިޑެންޓް ކަޕް" ނަމުގައި މުބާރާތެއް ބާއްވަން ނިންމާފައިވާކަން ވަނީ އިއުލާނުކޮށްފައެވެ.

މީގެއިތުރުން ކުންފުނިތަކަށް ހުޅުވާލާއިގެން ޓީ ޓެން މުބާރާތެއް ކުޅުމަށް ނިންމާފައިވާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ. އަދި މި މުބާރާތަކީ ރާއްޖޭގެ ޤައުމީ ޓީމްގެ ކުޅުންތެރިންނަށް ފުރުސަތު ލިބޭގޮތަށް ރާވާ މުބާރާތެއްކަމަށްވެސް ބޯޑުން ފާހަގަކުރެއްވިއެވެ.

މުބާރާތް ކުރިޔަށްދާނީ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. ކޮންމެ ދުވަހަކު ހަތަރު މެޗު ކުޅޭއިރު ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ވިޔަންސާ އާއި މާލޭ ސްޕޯރޓްސް ކްލަބެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ އައިޒީއާއި ވެސްޓް ސްޕޯރޓްސް ކްލަބެވެ.

ތިންވަނަ މެޗުގައި ކޮމެޓްސްއާއި މިލާން ބައްދަލުކުރާއިރު ހަތަރުވަނަ މެޗްގައި ބައްދަލުކުރާނީ މާލޭ ވެޓްރަންސްއާއި ނިއުސްޓާއެވެ.

ކުޅުން ކުރިއަށްދާނި ހެނދުނު 7:30 ފެށިގެން ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައެވެ.