މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމުކޮށްގެން މިހާރު ކުރިޔަށްގެންދާ ގައުމީ ބާސްކެޓްބޯޅަ ލީގުގައި އެންމެފަހުފެ ޗެމްޕިއަން ކިންގްސް ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ކިންގްސް މޮޅުވީ ސްޓިންގާސް އާއި ވާދަކޮށް 55 ޕޮޮއިންޓުގެ ތަފާތަކުންނެވެ. އެއީ ފޯރިގަދަ ކުރިމަތިލުމަކަށް ފަހު 106-51 ޕޮއިންޓުންނެވެ.

މި ލީގުގެ ފުރަތަމަ ޑިވިޝަނުގައި ޖުމްލަ ހަ ޓީމު ވާދަކުރެއެވެ. އެއީ އެންމެފަހުގެ ކިންގްސް އާއި ސްޓިންގާސްގެ އިތުރުން ޓީރެކްސް، ރެޕްޓާސް، ރެޑްވިންގްސް، އަދި ދަ ބައުސް އެވެ.

ކިންގްސް އާއި ސްޓިންގާސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ބާސްކެޓް އެސޯސިއޭަޝަން

މުޅި ގޭމް ކަހަލަ ގޮތަކަށް ކޮންޓްރޯލްކޮށްގެން ކުޅުނީ ކިންގްސް އެވެ. ހާއްސަކޮށް ކިންގްސް އަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިޔާ ޑެކޯރޭ ޖޯންސް ގެ ކުޅުން ފާހަގަވިއެވެ. އޭނާ ވަނީ މި މެޗުގައި ކިންގްސް އަށް ގިނަ ޕޮއިންޓުތަކެއް ހޯދައިދީގައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާއެވެ.

ޑެކޯރޭ އަކީ މީގެކުރިން ރާއްޖޭގައި ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާއަކީ އެންމެފަހުން މި މުބާރާތް ބޭއްވި ފަހަރު މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިއެކެވެ.

މީގެއިތުރުން މުބާރާތުގައި ރޭ ވަނީ ދެވަނަ ޑިވިޝަނުގައި ދެ މެޗެއް ކުޅެފައެވެ. ފުރަތަމަ މެޗު ސްޕާޓަންސް ބީސީ ކާމިޔާބުކުރީ ޔޫއެން ފްރެންށް އާއި ވާދަކޮށް 86 ޕޮއިންޓް 64 ޕޮއިންޓުންނެވެ. މިއީ ސްޕާޓަންސްގެ ދެވަނަ މޮޅެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސްޕާޓަންސްގެ ޔޫސުފް ނަސީމް އެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ވުލްވްސް އަދި ރޯޔަލްސް އެވެ. މި މެޗު 80 ޕޮއިންޓް 67 ޕޮއިންޓުން ކާމިޔާބުކުރީ ރޯޔަލްސް އެވެ.