ޔޫރަޕުގެ ފުޓުބޯޅައިގެ ދެވަނަ ފަންތީގެ ކުލަބް މުބާރާތް ކަމަށްވާ ޔުއެފާ ޔުރޮޕާ ލީގުގައި ސްޕެއިންގެ ގަދަބާރު ބާސެލޯނާ ވާދަކުރަން ޖެހުން ވެގެންދިޔައީ ސަޕޯޓަރުންނަށް ލިބުނު ހިތްދަތިކަމަކަށެވެ. ކުލަބުގެ ސްޕޮންސަރުންނަށް ލިބުނު މާޔޫސްކަމެކެވެ. ކުލަބުގެ އިސްވެރިންނަށް ލިބުނު ބޮލުގެ ރިހުމެކެވެ.

ޔުރޮޕާ ލީގުގައި ރާއްޖެގަޑިން މިރޭ ބާސެލޯނާއާއި އިޓަލީގެ ނާޕޮލީ ގަދަ 32 ގައި ވާދަކުރާއިރު, އެންމެފަހުން ބާސެލޯނާ ޔޫރަޕުގެ ދެވަނަ ފަންތީގެ ކުލަބް ފުޓުބޯޅަ މުބާރާޔުގައި ވާދަކޮށްފައިވަނީ މީގެ 19 އަހަރުކުރިންނެވެ. އޭރު އެ މުބާރާތަށް ކިޔަނީ ޔުއެފާ ކަޕް އެވެ. މިއީ ޔުރޮޕާ ލީގަށް ނަން ބަދަލުވި ފަހުން ބާސެލޯނާ ކުޅޭ ފުރަތަމަ ފަހަރެވެ.

މިއަހަރުގެ ޗެމްޕިއަންސް ލީގުން ބާސެލޯނާ ކެޓީ ގްރޫޕްސްޓޭޖުންނެވެ. ބާސާ ލައްވާލީ ގްރޫޕް ސީގައެވެ. މި ގްރޫޕުގެ ތިންވަނައިގައި އޮވެ ބާސެލޯނާ ނިންމާލިއިރު އެއްވަނަ ހޯދީ ބަޔާން މިއުނިކް އެވެ. އަދި ދެވަނަ ހޯދީ ބެންފީކާ އެވެ.

މިއީ ވޭތުވެދިޔަ 21 އަހަރުގެ ތެރޭގައި ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ބާސެލޯނާއިން ގްރޫޕްސްޓޭޖު ފަހަނައަޅައި ނުދެވުނު ފުރަތަމަ ފަހަރެވެ. އެންމެފަހުން ބާސެލޯނާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުން ކަޓާފައިވަނީ 01-2000 ގެ ސީޒަނުގައެވެ. އޭރު ޓީމުގެ ކެޕްޓަނަކަށް ހުރީ ޕެޕް ގާޑިއޯލާއެވެ.

އެންމެފަހުން ބާސެލޯނާ ޔުއެފާ ކަޕުގައި ވާދަކުރީ ލަލީގާގެ ހަވަނަ މަގާމުގައި ހިމެނިގެންނެވެ. އެފަހަރު ބާސެލޯނާ ކެެޓީ ގަދަ 16 ގައި ސެލްޓިކް އަތުން 1-0 އިންނެވެ.

ތާރީހު ކޮންމެ ގޮތަކަށް އޮތަސް މިހާރު އޮތް ބާސެލޯނާއަކީ ދުނިޔޭގެ ފުޓުބޯޅައިގައި ނުފޫޒުގަދަ ކުލަބެކެވެ. އެހެންކަމުން ޔުރޮޕާ ލީގުން އެ ޓީމަށް ރަނގަޅު ނަތީޖާއެއް ހޯދުން މަޖުބޫރުކަމަށް ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މި މުބާރާތުން ދަށް ނަތީޖާއެއް ނެރެފިނަމަ ކުލަބުގެ ދަރަނި ބޮޑުވެ ކުލަބު އިނދަޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ. އެއީ ސްޕޮންސަރުން މިހާރުވެސް ތިބީ ބޮޑު އަގު ދީފައި ޔުރޮޕާ ލީގުގައި ވާދަކުރާތީ ހިތްހަމަނުޖެހިފައެވެ.

ނުވިތާކަށް އެ ކުލަބަށް ލިބޭ އިނާޔަތްތަކަށް ވެސް ބަދަލު އަންނާނެއެވެ. އެހެންކަމުން މި ޔުރޮޕާ ލީގަކީ ބާސެލޯނާގެ މުސްތަގްބަލް ބައްޓަންވެގެންދާނެ މުބާރާތެކެވެ.

ބާސެލޯނާގެ އާ ކޯޗު އަދި އެ ޓީމުގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒްގެ ދުރުރާސްތާ މަގުޗާޓުގެ ދަށުން މިހާރު ބާސެލޯނާ މަޑުމަޑުން ދަނީ ރަނގަޅުވަމުންނެވެ. އަލަށް ގެނައި ކުޅުންތެރިންނާއެކު ބާސެލޯނާއިން ދަނީ މެޗަކަށްފަހު މެޗެއް ތަފާތު ދައްކަމުންނެވެ. އެޑަމާ ޓޫރޭ، އޮބަމަޔަން، ފެރާން ޓޮރޭސް އަކީ ބާސެލޯނާގެ ކުޅުމުގެ ވައްޓަފާޅިއާއި އެއްގޮތަށް ކުޅޭނެ ކުޅުންތެރިންގެ ގޮތުގައި ކޯޗު ގަބޫލުކުރއެވެ.