ފުޓުބޯޅަ ކުޅުންތެރިއަކަށް މިހާތަނަށް ދޭނެ އެންމެ ބޮޑު މުސާރަ ހުށައަޅާ ފްރާންސްގެ ޕީއެސްޖީން އެމްބާޕޭ ބަހައްޓަން މަރުފަލި ޖަހަން ފަށައިފިއެވެ.

މި ސީޒަން ނިމުމުން އެމްބާޕޭ އާއި ޕީއެސްޖީއާއި ދެމެދު އޮތް އެއްބަސްވުން ހަމަވާނެއެވެ. އެއާއެކު ހިލޭ ޓްރާންސްފާއެއްގައި އެމްބާޕޭ ބޭނުން ކުލަބަކަށް ދިއުމުގެ ފުރުސަތު ލިބެއެވެ.

މީގެކުރިން ރެއާލް މެޑްރިޑުން ބޮޑެތި އަގުތަކެއް ހުށައެޅި ނަމަވެސް ޕީއެސްޖީން އެ ހުރިހާ ހުށައެޅުމެއް ވެސް ކަހާތަން ހިރުވާނުލާ ދޫކޮށްލިއެވެ. އެ ކުލަބުން ހުށައެޅުމެއް ލިބުނުކަމަށް އެނގޭ ކަމަކަށްވެސް އޭރު ނެހެދިއެވެ.

ރިޕޯޓުތައް ބުނާގޮތުން އެމްބާޕޭ ވަނީ މި ސީޒަން ނިމުމުން ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފަައެވެ. އެކަން ޕީއެސްޖީއަށް ރަސްމީކޮށް ހުށަނޭޅި ނަމަވެސް އެ ކުލަބުގެ ރައީސް ނާސިރު އަލް ހެލައިފީ ވަނީ އެމްބާޕޭ އެ ކުލަބުގައި ބަހައްޓަން އެންމެ ފަހު ވަގުތުވެސް މަސައްކަތްކުރާނެ ކަަމަށް ބުނެފަައެވެ.

ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީއިން ތައްޔާރުވަނީ އެމްބާޕޭއަށް މުސާރައިގެ ގޮތުގައި ހަފްތާއަކު 500،000 (ފަސްލައްކަ) ޕައުންޑުގެ އެއްބަސްވުމެކެވެ. ޕީއެސްޖީން މިހާރު އޭނާއަށް ދެމުން އަންނަނީ 350،000 (ތިންލައްކަ ފަންސާސް ހާސް) ޕައުންޑެވެ.

މިހާރު ޕީއެސްޖީގައި އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިއަކީ ނޭމާއެވެ. ނަމަވެސް މި އެއްބަސްވުން އެމްބާޕޭ ގަބޫލުކޮށްފި ނަމަ އެއީ އެ ކުލަބުގެ ވެސް ރެކޯޑެކެވެ.

އެމްބާޕޭ ވަނީ އެންމެފަހުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރެއާލް މެޑްރިޑާއި ޕީއެސްޖީ ކުޅުނު މެޗުގައި ޕީއެސްޖީ މޮޅުކޮށްދިން ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިނާހް

    ތީ ތިވަރުން ބަހަޓަން ޖެހޭ މީހެއްނޫން، ބޮޑު އަގު ދީފަ ވިއްކާލާ، ނޭމާ އާ މެސީ އެމީހުން ބޭނުންވާ ކަންތައް ކޮއްދޭނެ..

    16
    9
  2. ޚަނީމް

    ހާލަންޑް މާ މޮޅު ތި މީހާއައްވުރެ

    16
    8