މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯރޓްސް (މާރންސް) ގެ ފުރަތަމަ ސްޕޯޓްސް އެކަޑަމީ ހުޅުވައިދިނުމަށް ރާއްޖޭގެ އެއްވަނަ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)، ލަވަކިޔުންތެރިޔާ އިބްރާހިމް ވަހީދު (ބޮޑުބެ) އަދި ޝަލަބީ އިބްރާހިމް މަތިވެރިއަށް ގޮސްފިއެވެ.

އއ.މަތިވެރީގައި ބޮޑުވަމުން އަންނަ ކުދިންނަށް އަމާޒުކޮށްގެން ހުޅުވާ ފުޓްބޯޅަ އެކަޑެމީ ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:15 ގައި ކަމަށް މާރންސް ޖަމްއިއްޔާއިން މައުލޫމާތުދެއެވެ.

މީގެއިތުރުން މާދަމާ އިތުރު މަޝްހޫރު މީހުންތަކެއް އެ އެކަޑަމީ ހުޅުވައިދިނުމަށް މަތިވެރިއަށް އައުމަށް ހަމަަޖެހިފައިވާ ކަމަށް އެ ޖަމްއިއްޔާއިން މައުލޫމާތުދެއެވެ. އެގޮތުން ރާއްޖޭގެ ގޯލްޑް ކެޕްޓަން އައްސަދު އަބްދުލްޢަނީ އާއި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހިމެނެއެވެ.

ޝަލަބީއަށް މަތިވެރިން މަރުހަބާކުޔަނީ--- ފޮޓޯ: މާރންސް

މި އެކަޑަމީއަކީ އއ.މަތިވެރީގައި ޅަފުރާގެ ކުދިންގެ ހިތްތަކުގައި ފުޓްބޯޅައަށް ލޯބި އުފެއްދުމާއި، އެކުދިންގެ ހުނަރުތައް އެންމެ އެދެވޭ އަދި ބޭނުންތެރިގޮތެއްގައި އިތުރުކޮށް ފުރިހަމަކޮށްދިނުމާއި، ކުޅިވަރުގެ އަޚްލާޤު ދަސްކޮށްދިނުމުގެ މަގްސަދުގައި ފަށާ އެކަޑަމީއެކެވެ.

މީގެއިތުރުން ކުޅިވަރުގެ އަޚްލާޤް ކުދިންގެ ހިތްތަކުގައި އަށަގެންނެވުމުގެ އިތުރުން ދީނީގޮތުން ކުދިން ހޭލުންތެރިކުރުމަށް އިސްކަމެއް ދީގެން ކުރިޔަށް ގެންދާ ޕްރޮގްރާމްތަކެއް ވެސް މި އެކަޑަމީން ކުރިޔަށްގެންދަން ވަނީ ނިންމާފައެވެ.

މަތިވެރިން ބޮޑުބެ އަށް މަރުހަބާކިޔަނީ-- ފޮޓޯ: މާރންސް

މިއީ މަތިވެރީގައި މޮޅެތި، ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި އެ ރަށުގެ ތާރީޚުގައިވެސް މިފަދަ ގޮތަކަށް ފަށަން ތައްޔާރުވާ ފުރަތަމަ އެކަޑަމީއެވެ.

މަތިވެރިއަކީ ފުޓްބޯޅައިގައި ތާރީޚެއް އޮތް ރަށެކެވެ. ނަމަވެސް މިފަދަ ފުރުޞަތެއް ޅަފުރައިގެ ކުދިންނަށް މީގެ ކުރިން ލިބިފައި ނުވާއިރު، އެކަން ބަދަލުކޮށް ތާރީޚުގައި ފަވާލެވޭނެ ފަދަ މޮޅެތި ކުޅުންތެރިންތަކެއް އުފެދިގެން ދިއުމަކީ އެ އެކަޑަމީގެ ބޮޑު އަޒުމެކެވެ.

މާރންސް ޖަމިއްޔާ އުފެއްދުމުގެ މައިގަނޑު މަޤުޞަދުގެ ތެރޭގައި ރަށުގައި ކުޅޭ ކުޅިވަރުތަކުގައި މަތީފަންތީގެ ކުޅުންތެރިންތަކެއް މަތިވެރިން އުފެއްދުމަކީ އެޖަމިއްޔާގެ އެންމެ އިސްކަމެއް ކަމުގައި ދެކިގެން ކުރާނެ ކަމެއްކަމުގައި ޖަމިއްޔާގެ ނައިބު ރައީސް އާދަމް ނިޔާޒު ވިދާޅުވެއެވެ.

އެހެންކަމުން ރަށުގެ ކުރިއެރުމަށް މާރންސްގެ ފަރާތުން ކުރައްވާ މަސައްކަތްތަކަށް ރަށުގެ ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް އެޖަމިއްޔާގެ ފަރާތުން ވަނީ ޝުކުރުއަދާކޮށްފައެވެ.