އުމުރުން 37 އަހަރުގައި އަދިވެސް ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ނުފޫޒުގަދަ ކުޅުންތެރިއެކެވެ. މި ސީޒަނުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ފަހަކަށް އައިސް އޭނާ ޔުނައިޓެޑުގައި ދައްކާ ކުޅުމާއި މެދު ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ރޮނާލްޑޯ މި ސީޒަނުގައި އަދި މިހާތަނަށް ޖެހުނީ 15 ލަނޑެވެ. މިއީ ފަހުގެ ތާރީހެއްގައި ރޮނާލްޑޯގެ ފުޓުބޯޅަ ކެރިއަރުގައި ވެސް ފެނިގެންދާ ދަށް ދުވަސްވަރެކެވެ. ނަމަވެސް ރޮނާލްޑޯއަކީ މިހާރު ޔުނައިޓެޑުގެ ޓޮޕް ސްކޯރާއެވެ.

ފްރެންޗް ވޯލްޑް ކަޕް ކާމިޔާބުކުރި ފްރޭންކް ލެބޯފް ވަނީ ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ރިޓަޔާ ކުރުމާ މެދު ވިސްނަން ބާރުއަޅާކަމަށް ބުނެފައެވެ. އަދި މިހާރު އެއީ ކުރިން ރެއާލްގައި ފެނިގެންދިޔަ ރޮނާލްޑޯ ނޫންކަމަށްވެސް ލެބޯފް ބުންޏެވެ.

"ރީތިގޮތުގައި ރޮނާާލްޑޯގެ ކެރިއަރު ނިންމާލަަން މިނޫން ވަގުތެއް ނެތް، ހާސިލުުކުރާނެ ހުރިހާ އެއްވެސް ހާސިލުކޮށްފި، ރަނގަޅު ފޯމެއްގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފަ މިހާރު މީހާގެ ފޯމު ގެއްލެމުންދާ އިރުވެސް ކުޅޭތީ އެއީ ރަނގަޅު ލެގަސީއެއް ބެހެއްޓުމަށް އެޅިގެންދާނެ ހުރަހެއް" ލެބޯފް ބުންޏެވެ.

ލެބޯފް ބުނީ ރޮނާލްޑޯ ފޯމު ދަށްވެ ގޯސްތައް ތަކުރާރުވާތަން ބަލަން އޭނާ ބޭނުންނުވާ ކަމަށާއި ބޭނުންވަނީ އާދައިގެ ކުޅުންތެރިއެއްގެ ގޮތުގައި ކެރިއަރު ނިންމުމުގެ ބަދަލުގައި މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ކެރިއަރު ނިންމާލާތަން ބެލުމަށް ކަމަށްވެސް ބުންޏެވެ.

ޔުވެންޓަސް ދޫކޮށް ރޮނާލްޑޯގެ ކުރީގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެ އޭނާ ވަނީ މިހާތަނަށް ޖުމްލަަ 15 ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. މީގެތެރޭގައި ޗެމްޕިއަންސް ލީގުގައި އޭނާ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ހަ ލަނޑު ހިމެނެއެވެ.