ރާއްޖޭގެ ފުޓުބޯޅައިގެ ތާރީޚުގައި އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވާ ނިއު ރޭޑިއަންޓްއާއި ވިކްޓަރީއަށް މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަންނަން ސަރުކާރަށް ދެވޭނެ އެހީއެއް ނެތް ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު ވަނީ އެންމެ ތާރީޚީ ދެ ކްލަބް ނާޒުކު ހާލަތަކަށް ދިޔައިރު، އެ ކަން ހައްލުކޮށްދޭން މިނިސްޓްރީއަށް ކުރެވެން އޮތީ ކޮން ކަމެއްތޯ ސުވާލު ކުރައްވައިފައެވެ.

އޭގެ ޖަވާބުގައި މިނިސްޓަރު މަހްލޫފް ވިދާޅުވީ ދެ ކްލަބްގެ ހާލަތު ވެސް ގޯސްވެގެން ދިޔައީ މީގެ ކުރިން ދެ ކްބަލް ހިންގުމާއި ހަވާލުވެ ތިބި ފަރާތްތަކުން އެޅި އަމިއްލަ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. ދެ ކްލަބް ވެސް ވަރަށް ބޮޑަށް ދަރަނިވެރި ވެފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"ކްލަބްތަކަކީ އިންޑެޕެންޑެންޓް (މިނިވަން) ބޮޑީއެއް (އިދާރާއެއް)، އަމިއްލަ އެކްސްއޯއެއް ވެސް އޮވޭ،" ކްލަބްތަކުގެ މައްސަލަ ދިމާވީ ވެސް ސަރުކާރުތަކުގެ ގޯހުން ނޫން ކަން ފާހަގަ ކުރައްވައި މަހްލޫފް ވިދާޅުވިއެވެ.

ނިއު ރޭޑިއަންޓްގެ ދަރަނީގެ އަދަދު ވެސް ހަތް މިލިއަން ރުފިޔާއަށް އަރާފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެ އަދަދަކީ މިނިސްޓްރީއަށް އެހީގެ ގޮތުގައި ދެވޭ ވަރަށް ވުރެ މާ ބޮޑު އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ނިއު ރޭޑިއަންޓްއަށް އެހީ ދީފިއްޔާ، މިނިސްޓްރީއަށް ޖެހޭނެ ދެއްތޯ ދެން ދަރަނި އުފެދޭ ކޮންމެ ކްލަބްއަކަށް ވެސް އެހީ ވާން، އަނެއްކާ އެހީ ދިނަސް އެ ފައިސާ ބޭނުން ކުރާނީ ދަރަނި ދައްކަން ކަން ވެސް ޔަގީން ކުރެވޭނެ ގޮތެއް ނެތް،" މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    އެމްއެމްޕީއާރުސީގެ ލާރިގަނޑު ދިރުވާލިނަމަވެސް އެ ހޮޑަށް ނެރެވޭނެ ގޮތެއް ނެތް.

    32
    1
    • މަރޭ

      އެމް.އެމް.ޕީ.އާރ.ސީ ޕްލަސް އެމް.ޑީ.ޕީ އީކުއަލްސް ޑިމޮކް ރެސީ

  2. އިސްމާލް

    މިއޮއް ދައްކާ ވާހަކަ އަކުން މަހޭނެތިދާނެ