ޗެލްސީގެ ޑިފެންސަށް ކުޅެމުން އަންނަ އަންޑްރޭސް ކްރިސްޓެންސަން ހިލޭ ޓްރާންސްފާއެއްގެ ދަށުން ބާސެލޯނާއަށް ގެނައުމާއި ފިޔަވަޅެއް ގާތަށް އެ ކުލަބުން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބާސެލޯނާއިން ކްރިސްޓެންސަންގެ ސޮއި ހޯދުމަށް މަސައްކަތްކުރާއިރު ވާދަވެރި ބަޔާން މިއުނިކް އިންވެސް ދަނީ އޭނާގެ ސޮއި ހޯދުމަށް މަސައްކަތްކުރަމުންނެވެ.

ކްރިސްޓެންސަން އަކީ ބާސެލޯނާގެ ކޯޗު ޒަވީގެ ފެވަރިޓެކެވެ. ބާސެލޯނާއިން އޭނާއަށް ހުށައަޅާފައިވަނީ 2027 ގެ ނިޔަލަށް ހަދާ އެއްބަސްވުމެކެވެ. ބަޔާން އަދި މިހާތަނަށް ހުށައަޅާފައިވާ މުއްދަތު ހާމަނުވި ނަމަވެސް ބާސެލޯނާއިން ތިބީ އޭނާގެ ސޮއި ލިބޭނެކަމުގެ ބޮޑު އިތުބާރަކާއެކު އެވެ.

ބަޔާން މިއުނިކް އިން އުމުރުން 25 އަހަރުގެ ޑިފެންޑަރ ގެންނަން މަސައްކަތްކުރަނީ މި ސީޒަނަށްފަހު ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވާ ނިކްލަސް ސޫލް ގެ ބަދަލަށެވެ.

ޑެންމާކަށް އުފަން ކުޅުންތެރިޔާ ބަހައްޓަން ޗެލްސީންވެސް މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ކްރިސްޓެންސަން ބޭނުންވަނީ އެހެން ކުލަބަކަށް ބަދަލުވާށެވެ. އެންމެ ފުރަތަމަ އޭނާގެ ވިސްނުން ހުރީ ޗެލްސީގައި މަޑުކުރާށެވެ.

ހިޔާލުތަފާތުވުން އުފެދުނު ސަބަބެއް އަދި ހާމަނުވި ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ޗެލްސީން ހުށައަޅާ އޭޖެންޓް ފީ ކުޑައެވެ. އަދި އެ ކުލަބުގައި ހޭދަކުރި މުއްދަތުގައި ކުޑަ މުސާރައެއްގައި ކުޅުވުމަކީ ވެސް އޭނާގެ ބޮޑު ހިތްހަމަނުޖެހުމެކެވެ.

ކްރިސްޓެންސަން ވަނީ ޗެލްސީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އަދި މިހާތަނަށް އައި އިރު އޭނާ ވަނީ ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް އެ ޓީމުގައި ކުޅެފައެވެ.