ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ރޭ ޖަރުމަނުގެ ބަޔާން މިއުނިކުން އޮސްޓްރިއާގެ އާރުބީ ސާލްޒްބާގް ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ކުޅެ ބަޔާނުން ސާލްޒްބާގް ބަލިކުރީ 7-1 އިންނެވެ. ފުރަތަމަ ލެގުގައި މި ދެޓީމް އޮސްޓްރިއާގައި ބައްދަލުކުރި މެޗު ނިމުނީ 1-1 އިންނެވެ. އެހެންކަމުން ބަޔާން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރީ 8-2 ގެ އެގްރިގޭޓު ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ބަޔާނުން ރޭ ސާލްޒްބާގް ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލިއިރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ވަނީ ހެޓްރިކް ހަދައިފައެވެ. މެޗުގެ 12 ވަނަ މިނެޓާއި 21 ވަނަ މިނެޓުގައި ބަޔާނުގެ ފުރަތަމަ ދެ ގޯލް ލެވަންޑޯސްކީ ޖެހީ ޕެނަލްޓީންނެވެ. މި ދެ ޕެނަލްޓީ އަކީ ވެސް ޕޮލަންޑު ކުޅުންތެރިއާ އަށް ސާލްޒްބާގު ކުޅުންތެރިން ފައުލްކޮށްގެން ބަޔާނަށް ލިބުނު ޕެނަލްޓީ ތަކެވެ.

ދާދި ފަހުން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަށް ފީފާ އިން ދޭ އެވޯޑް ހާސިލްކުރި ލެވަންޑޯސްކީ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 23 ވަނަ މިނެޓުގައެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ކުޅުންތެރިއަކު ހެދި އެންމެ އަވަސް ހެޓްރިކެވެ. މެޗުގެ ފުރަތަމަ 23 ވަނަ މިނެޓުގައި ލެވަންޑޯސްކީ ހެޓްރިކް ހެދި އިރު ކުރިން މި ރެކޯޑް އޮތީ 24 މިނެޓުން ހެޓްރިކް ހެދި އޭސީ މިލާނުގެ ކުރީގެ ފޯވަޑް މާކޯ ސިމޯނޭ އަތުގައެވެ. ލެވަންޑޯސްކީ މިރޭ ކާމިޔާބުކުރި ތިން ގޯލާއެކު މިސީޒަނުގައި އޭނާ ޖަހާފައިވާ ގޯލްގެ އަދަދު ވަނީ 42 އަށް އަރައިފައެވެ. މީގެ ތެރެއިން 13 ގޯލަކީ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކޮށްފައިވާ ގޯލްތަކެވެ.

ލެވަންޑޯސްކީގެ ރެކޯޑު ހެޓްރިކަށް ފަހު ބަޔާނުގެ ހަތަރު ވަނަ ގޯލް ކާމިޔާބުކުރީ ޖަރުމަނުގެ ޒުވާން ވިންގާ ސާޖް ގްނާބްރީ އެވެ. މެޗުގެ 31 ވަނަ މިނެޓުގައި ގްނާބްރީ ގޯލް ޖެހީ ކިންގްސްލޭ ކޯމަން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ދެވަނަ ހާފުގައި ބަޔާނުން ކާމިޔާބުކުރި ތިން ގޯލުގެ ތެރެއިން ދެ ގޯލް ޖެހީ ތޯމަސް މުލާ އެވެ. މެޗުގެ 54 ވަނަ މިނެޓުގައި ލެރޯއީ ސާނޭ ދިން ބޯޅައެއްގައި މުލާ އޭނާގެ ފުރަތަމަ ގޯލް ޖެހިއިރު ދެވަނަ ގޯލް ޖެހީ 83 ވަނަ މިނެޓުގައެވެ. އޭގެ ކުރިން ސާލްޒްބާގުގެ މައުރިޓްސް ކިއާގާޑު ވަނީ 70 ވަނަ މިނެޓުގައި ގޯލެއް ޖަހައި އެ ޓީމަށް ސުންކަނޑުވައިދީފައެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ބަޔާނުގެ ފަހު ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެވަންޑޯސްކީގެ އެހީއާއެކު ސާނޭ އެވެ.