އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއްގައި މިރޭ ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގައި އަނިޔާގެ ސަބަބުން ރާއްޖޭގެ ހުނަރުވެރި މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) ނުކުޅޭނެއެވެ.

މިވަގުތު އެންމެ ފޯމުގައި ތިބި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހަމްޕު އަކީ ރާއްޖޭގައި އެންމެފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް ކޮޅަށް ހިތްގައިމު އޯވަހެޑް ކިކަކުންލަނޑެއް ކާމިޔާބުކުރި ކުޅުންތެރިޔާ އެވެ. މިއީ މުޅި މުބާރާތުގައި ވެސް ފެނިގެންދިޔަ އެންމެ ހިތްގައިމު ލަނޑެވެ.

މީގެއިތުރުން ހަމްޕު ވަނީ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެއަށް ޕެނަލްޓީއެއް ހޯދައިދީފައެވެ.

ބ.އޭދަފުއްޓަށް ނިސްބަތްވާ ކުޅުންތެރިޔާ އަކީ 2015 ވަނަ އަހަރުން ފެށިގެން ގައުމީ ސްކޮޑުގައި ހިމެނެމުން އަންނަ ހުނަރުވެރި ކުޅުންތެރިއެކެވެ.

ބަންގްލަދޭޝް އާއި ދެކޮޅަށް މިފަހަރު ކުޅޭ އެކުވެރިކަމުގެ މެޗުގެ ކުރިން މި ދެ ޓީމު އެންމެފަހުން ބައްދަލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސްރީލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕުގައެވެ.

ބަންގްލަދޭޝް ވަނީ އެ މެޗުގައި ރާއްޖެ 2-1 އިން ބަލިކޮށް ތާރީހީ މޮޅެއް ހޯދާފައެވެ. މިއީ ދެ ގައުމުގެ ސީނިއާ ޓީމުގެ ކުރިމަތިލުންތަކުގެ ތެރެެއިން ފާއިތުވި 18 އަހަރު ތެރޭގައި ބަންގްލަދޭޝް އަށް ރާއްޖޭގެ މައްޗަށް ހޯދުނު ފުރަތަމަ މޮޅެވެ.

މެޗު ޓިކެޓު ބަންގްލަދޭޝް އަދި ދިވެހިންނަށްވެސް ވިއްކުމަށް ހަމަޖެހިފައިވަނީ އެއް އަގެއްގައެވެ. އެއީ ގޮނޑިބަރިން 100 ރުފިޔާ އަދި ސިޑިބަރިން 75 ރުފިޔާ އެވެ.

މި މެޗަށް ރާއްޖެއިން ވަނީ ދާދިފަހުން ފަރިތަކުރުންތައް ވެސް ފަށާފައެވެ. މިއީ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމާއި އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯ ހަވާލުވިފަހުން އަމިއްލަ ދަނޑުގައި ގައުމީ ޓީމުން ކުޅޭނެ ފުރަތަމަ މެޗެވެ.