އިނގިރޭސި ސަރުކާރުން ޗެލްސީގެ މެޗުތަކަށް ޓިކެޓު ވިއްކާ، އޭގެން މަންފާ ހޯދުމުގެ ހާއްސަ ހުއްދައެއް ދީފިއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އާއި ގާތް ގުޅުމެއް އޮތްކަމުގެ ތުހުމަތުގައި އިނގިރޭސި ސަރުކާރުން ވަނީ ޗެލްސީ އަދި އެ ކުލަބުގެ ވެރިޔާ ރޯމަން އަބްރޮމޮވިޗް އަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

މި ފިޔަވަޅުތަކާއި ގުޅިގެން އަބްރޮމޮވިޗް ވަނީ އެންމެފަހުން ކުލަބު ވިއްކާލަން ނިންމާ އެކަން ރަސްމީކޮށް ހާމަކޮށްފައެވެ.

އިނގިރޭސި ސަރުކާރުން ޗެލްސީއަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ކުލަބަށް އާމްދަނީ ލިބޭނެ ދޮރުތައް ވަނީ ބަންދުކޮށްފައެވެ. އަދި އެ ކުލަބުުގެ އެކައުންޓުވެސް ވަނީ ހުއްޓުވާފައެވެ. މީގެއިތުރުން ކުލަބުގެ ބޮޑު ދެ ސްޕޮންސަރުން ކަމަށްވާ "ތްރީ" އަދި "ހިޔުންޑާއި" އިން ވަނީ ކުލަބަށް ސްޕޮންސާދިނުން ހުއްޓާލާފައެވެ.

މި ސްޕޮންސަރުން ކުލަބު ދޫކޮށްލީ އިނގިރޭސި ސަރުކާރަށް އެއްބާރުލުންދީ ރަޝިޔާގެ އަމަލުތައް ކުށްވެރިކުރުމުގެ ގޮތުންނެވެ.

އިނގިރޭސި ސަރުކާރުން އާންމުކޮށްފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ޗެލްސީއަށް މިހާރު ހުރިހާ އަވޭ މެޗެއްގެ ޓިކެޓް ވިއްކުމާއި، އަމިއްލަ ކުޅޭ ހުރިހާ މެޗެއްގެ ޓިކެޓް ސަޕޯޓަރުންނަށް ވިއްކުން ހިމެނެއެވެ. އަދި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް އަދި ވިމެންސް ސުޕަ ލީގުގައި ސަޕޯޓަރުންނަށް މެޗު ޓިކެޓު ވިއްކޭނެއެވެ.

މި ނިންމުމާއެކު އަންނަ މަހުގެ ހަވަނަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ޗެލްސީގެ ދަނޑުގައި އެ ޓީމުން ކުޅޭ މެޗުގެ ޓިކެޓު ވިއްކޭނެއެވެ. ނަމަވެސް ޓިކެޓުތަކުގެ އަދަދު ވަނީ ލިމިޓުކޮށްފައެވެ.

ޔޫކޭގެ ކުޅިވަރު ވަޒީރު ނައިޖެލް ހަޑްސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މި ބޮޑު ނިންމުން ނިންމުމަށް ކަމާބެހޭ އިދާރާތަކާއި އެކު ގުޅިގެން މަޝްވަރާކުރި ކަމަށާއި ސަޕޯޓަރުންގެ ކެތްތެރިކަމަށް ޝުކުރުއަދާކުރާ ކަމަށެވެ.