ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލަންޑުގެ ތަރި ރޮބަޓް ލެވަންޑޯސްކީ މި ސީޒަން ނިމުމުން އެ ކްލަބު ދޫކޮށް ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ލެވަންޑޯސްކީ ވަނީ ބާސެލޯނާ އަށް ބަދަލުވާން އެ ކްލަބާއެކު ޕާސަނަލީ އެއްބަސްވެފައެވެ. އެހެންނަމަވެސް ލެވަންޑޯސްކީގެ ސޮއި ހޯދަން ބާސާ އިން ބަޔާން ރުއްސަން ޖެހޭނެ އެވެ. ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަށް "ފީފާ" އިން ދޭ އެވޯޑު ދާދި ފަހުން ޙާސިލްކުރި ލެވަންޑޯސްކީ ގެނައުމަށް ބަޔާނަށް 50 މިލިއަން ޕައުންޑް ދޭން ބާސާ އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މާލީ ގޮންޖެހުންތަކާ ހެދި މިދިޔަ އަހަރު ބޮޑެތި މައްސަލަތަކާ ކުރިމަތިވި ބާސާ އަލުން އެނބުރި ހަމަ މަގަށް އެޅެމުން އަންނަ އިރު ކޯޗު ޒަވީ ހާނަންޑޭޒާއެކު އެ ކްލަބުން އަންނަނީ ފަހަރަކަށްވުރެ ފަހަރެއް ނަތީޖާތައް ރަނގަޅު ކުރަމުންނެވެ. ކްލަބުގެ ރައީސް ހޮއަން ލަޕޯޓާގެ މާލިމީ ކަމުގެ ދަށުން ބާސާ އިން އާ ފުޓްބޯޅަ ޕްރޮޖެކްޓެއް ފަށާފައިވާއިރު މިދިޔަ ޖެނުއަރީ މަހު އެ ޓީމު ފެނުނީ ޓްރާންސްފާ ބާޒާރުގައި ވަރަށް ހަރަކާތްތެރިކޮށެވެ. ޓީމު ވަރުގަދަ ކުރުމަށް އަންނަ ސީޒަނުގައި ވެސް އެ ޓީމުން ކުޅުންތެރިން ގެންނާނެ ކަމަށް ބެލެވޭއިރު ކްލަބުގެ ޓްރާންސްފާ ޓާގެޓް ލިސްޓުގެ ކުރީގައި އޮތީ ބޮރޫޝިއާ ޑޯޓްމަންޑުގެ އާލިން ހާލަންޑެވެ.

އެހެންނަމަވެސް 22 އަހަރުގެ ހާލަންޑު ހޯދަން ބޮޑު ހަރަދެއް ކުރަން ޖެހޭއިރު އެވަރުގެ މާލީ ތަނަވަސްކަމެއް ބާސާގައި ހުރި ކަމަކަށް ނުބެލެވެއެވެ. ލަޕޯޓާ ވެސް ވަނީ ތަކުރާރުކޮށް ކްލަބަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުގެ ތެރޭގައި އިތުރަށް ކްލަބުގެ މުސްތަގުބަލު ހަލާކުވެދާނެ ކަހަލަ ޓްރާންސްފާ އެއް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މާކެޓުގައި ހާލަންޑަށް ވުރެ އަގު ހެޔޮކޮށް އުޅޭ ލެވަންޑޯސްކީ އަށް ބާސާގެ ލޯ އަމާޒުވީއެވެ.

ބަޔާނާއެކު ލެވަންޑޯސްކީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. ލެވާގެ ކޮންޓްރެކްޓް އާ ކުރަން ބަޔާނުން މަސަތްކަތް ކުރަމުން އަންނަ ނަމަވެސް އެއްބަސްވުން އާ ކުރަން އޭނާ ވަނީ ދެކޮޅު ހަދައިފައެވެ.