ޗެމްޕިއަންސް ލީގުގައި ވިޔަރެއާލްގެ އުންމީދުތައް ފެނަށް ދުއްވާލައި، ލިވަޕޫލް މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.

މިރޭ ކުޅުނު ސެމީފައިނަލްގެ ދެވަނަ ލެގުގައި ވިޔަރެއާލްގެ މައްޗަށް 2-3 ގެ ނަތީޖާއަކުން ލިވަޕޫލް ކުރި ހޯދާފައިވާއިރު، މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގު 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލްއިންނެވެ. މިގޮތުން ލިވަޕޫލް ފައިނަލަށް ދަތުރުކުރީ 2-5 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ވިޔަރެއާލް ދަނޑުގައި ކުޅުނު ސެމީގެ ދެވަނަ ލެގުގެ މެޗު ފެށިގެން ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގައި، ލިވަޕޫލްއަށް ޕްރެޝަރުކޮށްފައެވެ. މި ލަނޑު ތިން ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑިއާއެވެ.

މި ލަނޑަށްފަހު، ވިޔަރެއާލް އިން ދިޔައީ ލިވަޕޫލްގެ ހާފަށް ބާރުބޮޑުކޮށް، ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސް ކުރަމުންނެވެ. އެގޮތުން ލިވަޕޫލްގެ ގޯލަށް ނުރައްކާކޮށް ހަމަލާތަކެއްވެސް އެޓީމުން ވަނީ އުފައްދާފައެވެ.

ވިޔަރެއާލްގެ ސަޕޯޓަރުންގެ ސަޕޯޓުގެ އަޑާއެކު ޕްރެޝަރުގައި ކުޅެމުންދިޔަ ލިވަޕޫލްގެ ގޯލު ދެވަނަ ފަހަރަށް ވިޔަރެއާލްއިން ފޫއަޅުވާލާފައިވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިންނެވެ. މި ލަނޑު 41 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކޮކުއެލިންއެވެ.

ފުރަތަމަ ހާފް ނިމިފައިވަނީ ވިޔަރެއާލްގެ މޮޅު ކުޅުމާއެކު ލިވަޕޫލްގެ މައްޗަށް 0-2 ގެ ނަތީޖާއިން އެޓީމު ކުރީގައި އޮވެގެންނެވެ.

ނަމަވެސް ދެވަނަ ހާފް ފެށިގެން ލިވަޕޫލްއިން ވަނީ އެޓީމުގެ ކުޅުމަށް ބަދަލުތަކެއް ގެނެސް، ވަރަށް ބޮޑަށް ކުރިޔަށް ޖެހި އެޓޭކްތައް ކުރަން މަސައްކަތް ކޮށްފައެވެ. އަދި ގިނަ ހަމަލާތަކެއްވެސް އެޓީމުން ވަނީ އުފައްދާފައެވެ.

މިގޮތުން ލިވަޕޫލްއިން ވަނީ 62 ވަނަ މިނެޓުގައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ސަލާހުގެ އެހީތެރިކަމާއެކު ފަބީނިއޯއެވެ.

މި ލަނޑަށްފަހު ވިޔަރެއާލްއިން ޕްރެޝަރުގައި ކުޅެމުން ގޮސްފައިވާއިރު، އޭގެ ފައިދާ ނަގައި ލިވަޕޫލްއިން ވަނީ 67 ވަނަ މިނެޓުގައި ލުއިޒް ޑިއާޒް ކާމިޔާބުކުރި ލަނޑުން ނަތީޖާ މެޗުގެ ހަމަހަމަ ކޮށްފައެވެ. އަދި 74 ވަނަ މިނެޓުގައި ސާޑިއޯ މާނޭ ވަނީ ފުރަތަމަ ފަހަރަށް ލިވަޕޫލްއަށް މެޗުގައި ލީޑު ނަގައިދީފައެވެ.

މި ލަނޑުތަކާއެކު ވިޔަރެއާލްއަށް ބޮޑު މާޔޫސްކަމެއް ލިބިފައިވާއިރު، އެޓީމަށް އިތުރު ހުރަސްތައް ދިމާވީ 85 ވަނަ މިނެޓުގައި އެޓީމުގެ ކަޕޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމާ ގުޅިގެންނެވެ. މިއާއެކު ލިވަޕޫލްއިން މެޗު ނިންމާލާފައިވަނީ ހަމަޖެހިލައިގެންނެވެ.

މިއީ ޔޫރޮޕާ ލީގު އެއް ފަހަރު ކާމިޔާބުކޮށްފައިވާ ވިޔަރެއާލްގެ ތާރީހުގައި އެޓީމު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން އެޓީމު މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކޮށްފައިވަނީ 2005/06 ވަނަ ސީޒަނުގައެވެ.

ލިވަޕޫލް ވަނީ މީގެ ކުރިން ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި އެޓީމު ވަނީ ތިން ޔޫރޮޕާ ލީގު، ހަތަރު ޔުއެފާ ސުޕަކަޕް އަދި އެއް ކްލަބް ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.

ފައިނަލުގައި ލިވަޕޫލް ނިކުންނާނީ މާދަމާ ރޭ ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގު 2-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސިޓީއެވެ.