ސީޒަން ނިމުމުން އިންގްލަންޑުގެ މެންޗެސްޓަ ސިޓީ އަށް ބަދަލުވާން އެއްބަސްވެފައިވާ ޖަރުމަނުގެ ބޮރޫޝީއާ ޑޯޓްމަންޓަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ތަރި އާލިންގް ބްރައުޓް ހާލަންޑް އެ ކްލަބުގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔައިފިއެވެ.

ލީގުގެ ފަހު މެޗުގައި ރޭ ހާތާ ބާލިންއާ ވާދަކޮށް ޑޯޓްމަންޑު މޮޅުވީ 2-1 އިންނެވެ. ޑޯޓްމަންޑުން ލީގު ނިންމާލީ ބަޔާން މިއުނިކްގެ ފަހަތުން ދެވަނައިގައެވެ. ބަޔާނުން 77 ޕޮއިންޓް ހޯދިއިރު ޑޯޓްމަންޑަށް ލިބުނީ 69 ޕޮއިންޓެވެ.

މެޗުގެ ކުރިން ޑޯޓްމަންޑުގެ ސަޕޯޓަރުންނާއި ކްލަބުގެ މެނޭޖްމަންޓުން ވަނީ ހާލަންޑަށް އަލްވަދާއު ކިޔައި އޭނާ ކްލަބަށް ކޮށްދިން ހިދުމަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާކޮށްފައެވެ.

ވަދާއީ މެޗުގައި ހާލަންޑް ވަނީ ގޯލެއް ޖަހައިފައެވެ. މެޗުގެ 18 ވަނަ މިނެޓްގައި ޕެނަލްޓީއަކުން އިޝާކް ބެލްޑޮފިލް ހާތާ ބާލިން އަށް ލީޑު ނަގައިދީފައިވަނިކޮށް 68 ވަނަ މިނެޓްގައި ޑޯޓްމަންޑުން އެއްވަރުކުރީ ހާލަންޑް ކާމިޔާބުކުރި ޕެނަލްޓީންނެވެ. މެޗުން ޑޯޓްމަންޑް މޮޅުކޮށްދިން ގޯލު ޖެހީ 84 ވަނަ މިނެޓްގައި ޔޫސެފާ މޫކޯކޯ އެވެ.

ހާލަންޑް ވަނީ މި ސީޒަނުގައި 29 މެޗުން 28 ގޯލް ޖަހައިފަ އެވެ. އަނިޔާގެ ސަބަބުން އޭނާ އަށް ގިނަ މެޗުތަކެއް ގެއްލިގެންދިޔަ އެވެ. މީގެ ދެ އަހަރު ކުރިން ޑޯޓްމަންޑާ ގުޅުނު ހާލަންޑު ވަނީ އެ ޓީމަށް އޭނާ ކުޅެދިން 89 މެޗުން 86 ގޯލް ޖަހައިފައެވެ.

ހާލަންޑް ސިޓީ އަށް ބަދަލުވާން އެއްބަސްވެފައިވަނީ 51 މިލިއަން ޕައުންޑްގެ ފީއެއްގައެވެ.