ފިތުރު އީދާއި ދިމާކޮށް ބައިބަލާ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި އެމްޓީސީސީ ބައިބަލާ ޗެލެންޖް 1443 ގެ ޗެމްޕިއަންކަން ކުލަބު އޯވަންއޯ ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އޯވަންއޯ ހޯދާފައިވަނީ ފައިނަލުގައި ކުލަބު ޓީނޭޖް ބަލިކުރުމަށްފަހު އެވެ. ކުލަބު ޓީނޭޖް އަކީ ބައިބަލާގެ ދިގު ތާރީހެއް އޮތް ވަރުގަދަ ނަމެކެވެ. މީގެކުރިން އެ ޓީމު ފައިނަލަށް ދިޔަ ކޮންމެ ފަހަރަކު މި މުބާރާތް ކާމިޔާބުކޮށްފައިވެއެވެ.

ކުލަބު އޯވަންއޯ ޗެމްޕިއަންކަން ހޯދީ ވާދަވެރި ކުޅުމަކަށްފަހު ދެ ގޭމު އެއްވަރުވުމުން ގަދަ ހިފުމުގެ ފުރަތަމަ ދެ ހިފުން ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ފައިނަލަށް އޯވަންއޯ ދަތުރުކޮށްފައިވަނީ ސެމީފައިނަލުގައި ޓީސީ ބަލިކޮށްގެންނެވެ. އަދ ޓީނޭޖް ފައިނަލަށް ދިޔައީ ކުލަބު އީގަލްސް ބަލިކޮށްގެންނެވެ.

ފައިނަލް މެޗަށްފަހު ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް ވަނީ އިނާމުދީފައެވެ. އެގޮތުން އަލަށް ދޭން ފެށި އެންމެ ޒުވާން އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބު ޓީނޭޖް ގެ އަލީ ވިދާދު އެވެ. މީގެއިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ވަނީ ހޮވާފައެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން
  1. އިބްރާހިމް ޝަމީން ( ކުލަބު އީގަލްސް)
  2. ހަސަން ތައުހީދު ( ޓީސީ ސްޕޯޓްސް ކުލަބު)
  3. ހާމިދު ރަޝީދު ( ޓީނޭޖް)
  4. އަލީ ވިދުދާން ( ކުލަބު އޯވަންއޯ)
  5. އިބްރާހީމް މުހައްމަދު ( ޓީނޭޖް)

މިފަހަރުގެ މިސްޓަ ބައިބަލާގެ މަގާމަށް ހޮވިފައިވަނީ ޓީނޭޖް ޓީމުގެ އަސްލަމް ވަހީދެވެ. މިއީ އޭނާ މި މަގާމު ހޯދި ތިންވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މިސްޓަ ބައިބަލާ އަށް ހޮވުނު އަސްލަމް އަށް އިނާމުދެނީ

ގިނަ ގޮންޖެހުންތަކާއި އެކު މިއަހަރުގެ ބައިބަލާ މުބާރާތް ކުރިޔަށްދިޔައީ މުބާރާތް ފެށެން ނިންމާފައި އޮތް ތާރީހަށްވުރެ ފަހުންނެވެ. ގިނަ ބައެއްގެ ބައިވެރިވުމާއެކު ކުރިޔަށްދިޔަ މި މުބާރާތުގައި މިފަހަރު ޖުމްލަ 30 ޓީމެއް ވަނީ ބައިވެރިވެފައެވެ.