ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ރައުންޑުގެ މެންސް ބައިގައި އައްޑޫ ސްޕޯޓްސް ކްލަބް އަދި ކްލަބް ވެމްކޯ ކުޅުނު މެޗު ކާމިޔާބުކޮށްފިއެވެ.

ރޭ ސޯޝަލް ސެންޓަރުގައި ކުޅުނު މެޗުން އައްޑޫ ސްޕޯޓްސް ކްލަބް މޮޅުވީ އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓްތައް އައްޑޫ ސްޕޯޓްސް ކްލަބުން ގެންދިޔައީ 20-25، 23-25 އަދި 23-25 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ އައްޑޫ ސްޕޯޓްސް ކްލަބްގެ މުހައްމަދު އަމްރާދު އެވެ.

ރޭ ކުޅުނު ދެވަނަ މެޗު ކްލަބް ވެމްކޯ އިން ކާމިޔާބު ކުރީ އޮފުއެފްސީއާ ވާދަކޮށް ތިން ސެޓް އެއް ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓް 19-25 އިން ވެމްކޯ ގެންދިޔަ ނަމަވެސް، ދެވަނަ ސެޓް އޮފުއެފްސީން ވަނީ 22-25 އިން ގެން ގޮސްފައެވެ. ވެމްކޯއިން މެޗު ކާމިޔާބުކުރީ ޖެހިގެން އައި ދެ ސެޓް 20-25 އަދި 18-25 އިން ގެންގޮސްގެންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ކްލަބް ވެމްކޯގެ ނާޝިދު އަބްދުލް ޝަކޫރުއެވެ.

ޕްރިލިމިނަރީ ރައުންޑުގައި މާދަމާ ރޭ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބާ އަދި ކްލަބް ވެމްކޯ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލު ކުރާނީ އޮފުއެފްސީ އަދި އައްޑޫ ސްޕޯޓްސް ކްލަބެވެ.