ވިކްޓްރީން ސްޕޯޓްސް ކްލަބުން ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ނިންމައި، ކޯޗަކަށް ސްރީލަންކާ ގައުމީ ޓީމުގެ ކުރީގެ ކޯޗު ޕަކީރު އަލީ ހަމަޖައްސައިފިއެވެ.

ވިކްޓްރީން ބުނީ، ދެވަނަ ޑިވިޝަންގައި ވާދަކުރުމަށް އެ ކްލަބުން ޓީމެއް އެކުލަވާލަން ކުރި މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އެގޮތުން 26 ކުޅުންތެރިޔަކު އެ ކްލަބާ ގުޅުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ކްލަބާ ގުޅުމަށް އެއްބަސްވެފައިވާ ކުޅުންތެރިން ތެރޭގައި ހަތަރު ބޭރު ކުޅުންތެރިން ހިމެނޭ ކަމަށްވެސް ވިކްޓްރީން ބުނެއެވެ. އެއީ މިސްރުގެ ގޯލްކީޕަރަކާއި، މިސްރުގެ ޑިފެންޑަރަކާއި، މިސްރުގެ މިޑްފިލްޑަރެއްގެ އިތުރުން ޖޯޑަންގެ ސްޓްރައިކަރެއް ކަމަށްވެސް އެ ކްލަބުން ވަނީ ބުނެފައެވެ.

ވިކްޓްރީގެ ކޯޗަކަށް ޕަކީރު ހަމަޖައްސާފައިވާއިރު، އޭނާ ވަނީ މީގެ ކުރިން ރާއްޖޭގެ ކްލަބް ވެލެންސިއާއަށްވެސް ކުޅެފައެވެ. އަދި އޭނާ ވަނީ ލ.ގަމުގައި ކުރިން ހިންގި ފުޓުބޯޅަ އެކަޑަމީއެއްގައި ހެޑް ކޯޗެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ.

ބަންގްލަދޭޝް ލީގުގައި މީގެ ކުރިން ކުޅެފައިވާ ޕަކީރު އެންމެ ފަހުން ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ ބަންގްލަދޭޝް ފުރަތަމަ ޑިވިޝަންގެ ޓީމަކަށެވެ. އޭނާއާއެކު ސްރީލަންކާ ގައުމީ ޓީމުގެ ކީޕަރު ޓްރެއިނާވެސް ވިކްޓްރީއާ ގުޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ޕަކީރުއާއެކު ވިކްޓްރީގެ ކޯޗިން ޓީމުގައި އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ އިސްމާއިލް އަނިލްވެސް މަސައްކަތް ކުރާނެ ކަމަށް ކްލަބުން ވަނީ ބުނެފައެވެ.