ސަން ކެއާގެ ދީލަތި އެހީތެރިކަމާއެކު މުޅި ނ.އަތޮޅަށް ހުޅުވާލައިގެން އެ އަތޮޅު ކުޑަފަރީގައި ކުރިޔަށް ގެންދާ "ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖު 2022"ގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކެނދިކުޅުދޫ ޓީމް ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ކުޑަފަރީގައި ފެށި ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖުގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ކެނދިކުޅުދޫ އަންހެނުންގެ ފުޓްސަލް ޓީމާއި ޓީމް ރަނިކަމާނައެވެ. މި މެޗު 9 ލަނޑު އެއް ލަނޑުގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވަނީ ކެނދިކުޅުދޫ ޓީމެވެ.

ފޯރީގައި ކުރިޔަށް ދިޔަ މި މެޗުގައި އެންމެ ތަފާތު ކުޅުމެއް ދައްކާފައިވަނީ ކެނދިކުޅުދޫ ޓީމްގެ ޖާޒީ ނަންބަރު 21، ފާތިމަތު އަފާފްއެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަފާފް ވަނީ މެޗުގައި ހަތް ލަނޑު ކާމިޔާބުކޮށްފައެވެ.

ސަން ސިޔާމް ކުޑަފަރި ފުޓްސެލް ޗެލެންޖް 2022 ފެށުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗު ފެށިގެން ނިމެންދެން ވެސް ގޭމް ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ ކެނދިކުޅުދޫ ޓީމުންނެވެ. އެޓީމުން ދެން ޖެހި ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ މަރިޔަމް ނަޝްފާއެވެ.

މެޗުގައި ރަނިކަމަނަ ޓީމުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދީފައިވަނީ އެޓީމުގެ ޖާޒީ ނަންބަރު 9، ފާތިމަތު ރިޔާޝާއެވެ.

ފޯރިގަދަ މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އީދު ދުވަހުއެވެ.

ސަން ކެއާގެ ދީލަތި އެހީއާއެކު ކުޑަފަރީގައި ކުރިޔަށް ގެންދާ ސަން ސިޔާމް ކުޑަފަރި ފުޓްސަލް ޗެލެންޖުގެ އަންހެން ޑިވިޝަންގައި ބާރަ ޓީމަކުން ވަނީ ބައިވެރިވެފައެވެ. އިއްޔެ ހަވީރު ކުޑަފަރީގައި އެ މުބާރާތް ފައްޓަވައިދެއްވާފައިވަނީ މީދޫ ދާއިރާގެ މެންބަރު، ސަން ކެއާގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދެވެ.

އެއީ މުޅި ނ. އަތޮޅަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މުބާރާތުގައި ފިރިހެން ޑިވިޝަންގެ އިތުރުން އަންހެން ޑިވިޝަން ވެސް އޮވެއެވެ. މުބާރާތުގެ 16 އަހަރުން ދަށުގެ ޑިވިޝަން އެއްވެސް އޮންނައިރު އެ ޑިވިޝަންގައި ވެސް އަތޮޅުގެ ހުރިހާ ރަށަކުން ޓީމުތައް ވަނީ ބައިވެރިވެފައެވެ.