އެސްޓީއޯ ކަންމަތި ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން ދަ ރޯޔަލްސް އަދި އެފްސީ އެސްޕާޑާ މޮޅުވެއްޖެއެވެ.

މުބާރާތުގެ ލީގު ބުރުގައި ރޭ ދެ މެޗެއް ކުޅުނުއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ އާރުޑީ އަދި ރޯޔަލްސް އެވެ. ރޯޔަލްސް އިން ރޭގެ މެޗާ ކުރިމަތިލީ މުބާރާތުގައި އެ ޓީމް ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެގެންނެވެ. އާރުޑީން ކުޅުނު ފުރަތަމަ މެޗުން އެ ޓީމް ބަލިވި ނަމަވެސް ރޭ ކޯރޭ އެފްސީއާ ވާދަކުރި މެޗު އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.

ރަނގަޅު ފޯމެއްގައި އޮވެ ރޭގެ މެޗާ ކުރިމަތިލި ރޯޔަލްސް އިން އާރުޑީ ބަލިކުރީ 4-1 އިންނެވެ. މެޗުގައި ރޯޔަލްސް އަށް ގޯލްތައް ޖަހައިދިނީ މުހައްމަދު ވިލްފް، ހުސައިން ޝަރީފް (އޮންލީ)ގެ އިތުރުން އައްޒާމް އަލިދީދީ އެވެ. މެޗުގައި އާރުޑީން ޖެހި ހަމައެކަނި ގޯލް އެ ޓީމަށް ޖަހައިދިނީ އިބްރާހިމް ސިނާހް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދެ ގޯލް ޖެހި އޮންލީ އެވެ.

ރޭ ދެން ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އެސްޕާޑާ ވަނީ ފަސޭހަކަމާއެކު 5-2 އިން ކްލަބް ގަސްދޮށު ބަލިކޮށްފައެވެ. މެޗުގައި އެސްޕާޑާ އިން ގޯލް ޖެހީ ހެޓްރިކް ހެދި މުހައްމަދު ޒައިން، އަލީ ހާފިޒް (ހާއްޕެ) އަދި އިބްރާހިމް މުބީން (މުއްކި) އެވެ. ގަސްދޮށައް ގޯލްތައް ޖަހައިދިނީ އާލިމް އަބްދުލް އަޒީޒްގެ އިތުރުން އަލީ ފާއިޒް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޕާޑާގެ މުއްކި އެވެ.

ރޭގެ މޮޅާއެކު އެސްޕާޑާ ވަނީ މުބާރާތުގައި މިހާތަނަށް އެ ޓީމް ކުޅުނު ތިން މެޗުން ވެސް މޮޅުވެފައެވެ. ސައްތައިން ސައްތަ ރެކޯޑަކާއެކު އެސްޕާޑާ ލީގު ބުރުގެ ފަހު މެޗާ ކުރިމަތިލާއިރު މިރޭ އެ ޓީމުން ނުކުންނާނީ ރޯޔަލްސްއާ ދެކޮޅަށެވެ. ރޯޔަލްސް އަކީ އެސްޕާޑާ ފިޔަވައި މުބާރާތުގައި މެޗަކުން ބަލިނުވެ އޮތް ޓީމެވެ. މި ދެ ޓީމުގެ ކުރިމަތިލުން ކާމިޔާބުކުރާ ޓީމަކަށް ލީގު ބުރުގެ އެއްވަނަ ލިބޭނެއެވެ. ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ޖާގައެއް ކަށަވަރުވެގެންދާ އިރު ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ލީގު ބުރުގެ ދެވަނަ އަދި ތިންވަނަ ހޯދާ ޓީމާ ދެމެދު ކުޅޭ ޕްލޭ އޮފް މެޗުން މޮޅުވާ ޓީމަކަށެވެ.