ބްރެޒިލްގެ ފޯވާޑް ނޭމާގެ ދެ ލަނޑާ އެކު ޕީއެސްޖީ އިން ފްރާންސް ލީގުގައި މޮންޓްޕެލިއާ ބަލިކޮށްފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-2 އިން ކުރި ހޯދައިގެންނެވެ. މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ވަރުގަދަ ހަމަލާތަކެއް އުފެއްދީ ވެސް ޕީއެސްޖީއިންނެވެ.

ޕީއެސްޖީގެ ފުރަތަމަ ލަނޑަކީ މެޗުގެ 39 ވަނަ މިނެޓުގައި މޮންޓްޕްލިއާގެ ފަލާޔޭ ސާކޯ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ޕީއެސްޖީގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން މެޗުގެ 43 ވަނަ މިނެޓުގައި ޖެހީ ނޭމާއެވެ. އަދި ދެވަނަ ހާފްގެ 51 ވަނަ މިނެޓުގައި ނޭމާ އިތުރު ލަނޑެއް ޖަހައި މެޗުގެ ލީޑް ވަނީ ފުޅާކޮށްދީފައެވެ.

ނޭމާ ވަނީ މިހާތަނަށް އައިއިރު މި ސީޒަންގައި ފަސް ލަނޑު ޖަހައި ތިން ލަނޑު ޖަހަން އެހީވެދީފައެވެ. އެގޮތުން ފްރެންޗް ސުޕަ ކަޕްގައި އޭނާ ލަނޑެއް ޖެހިއިރު، ލީގުގެ ފުރަތަމަ މެޗުގައި ވެސް އޭނާ ލަނޑެއް ޖެހިއެވެ. ޕީއެސްޖީގެ ކުޅުންތެރިންގެ ތެރެއިން މިވަގުތު އެންމެ ރަނގަޅު ފޯމެއްގައި ހުރީ ނޭމާއެވެ.

ރޭގެ މެޗުގައި ޕީއެސްޖީން ތިން ލަނޑު ޖަހާފައި ވަނިކޮށް މެޗުގެ 58 ވަނަ މިނެޓުގައި މޮންޓްޕެލިއާގެ ވަހްބީ ކަޒްރީ ވަނީ އެ ކުލަބަށް ލަނޑެއް ޖަހައިދީ ފަރަގު ކުޑަކޮށްފައެވެ.

އެކަމަކު، 69 ވަނަ މެޗުގައި ޕީއެސްޖީގެ ތަރި އެމްބާޕޭ ވަނީ ލަނޑެއް ޖަހައި ލީޑް ފުޅާކޮށްފައެވެ. ޕީއެސްޖީގެ ފަހު ލަނޑު ޖެހީ މި ސީޒަންގައި އެ ޓީމާ ގުޅުނު ޕޯޗުގަލްގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭޒްއެވެ.