ބާސެލޯނާ އިން އަލަށް ގެނައި ސެވިއްޔާގެ ކުރީގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ އަދިވެސް ބާސެލޯނާގައި ރަޖިސްޓްރީ ނުކުރާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ކޫންޑޭ ބާސެލޯނާގައި ރަޖިސްޓްރީ ނުކުރާތީ ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ރެއާލް ސޮސައިޑާޑް ރޭ ކުޅުނު މެޗުގެ ސްކޮޑްގައި ވެސް ކޫންޑޭ ހިމަނާފައެއް ނުވެއެވެ.

ސެވިއްޔާ އަށް ކުޅުނު ޑިފެންޑަރު ބާސެލޯނާ އަށް ގެނައީ އޭނާ ހޯދުމަށް ޗެލްސީން ވަރަށް ބޮޑަށް މަސައްކަތް ކުރަނިކޮށެވެ. ކޫންޑޭ ބާސެލޯނާ އަށް ގެނައީ 46 މިލިއަން ޕައުންޑްގެ އަގެއްގައެވެ.

ބާސެލޯނާ އިން އަލަށް ގެނައި ފަސް ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިން މިހާތަނަށް ވަނީ ރަޖިސްޓްރީކޮށްފައެވެ. އެއީ ބަޔާން މިއުނިކަށް ކުޅުނު ތަޖުރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީ އާއި ލީޑްސްގެ ޔުނައިޓަޑް ކުޅުނު ރަފީނިއާ އާއި ޗެލްސީ އަށް ކުޅުނު އެންޑްރިއަސް ކްރިސްޓެންސަން އަދި އޭސީ މިލާނަށް ކުޅުނު މިޑްފީލްޑަރު ފްރޭންކް ކެސިއޭއެވެ.

މި ސީޒަން ފެށުނު ފަހުން މިހާތަނަށް އައިއިރު، ކޫންޑޭ ރަޖިސްޓްރީކޮށްފައި ނުވާތީ ބާސެލޯނާ އިން ކުޅުނު އެއްވެސް މެޗެއްގައި އޭނާ ކުޅެފައެއް ނުވެއެވެ.

ބާސެލޯނާ އިން ސެޕްޓެމްބަރު 1 އައުމުގެ ކުރިން ކޫންޑޭ އެ ޓީމުގައި ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. އެހެން ނޫނީ އޭނާ އަށް ހިނގަމުން އަންނަ ސީޒަންގައި ނުކުޅެވޭނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ކޫންޑޭ ވަނީ ވީހާވެސް އަވަހަށް މި މައްސަލަ ހައްލު ކުރަން މަސައްކަތް ފަށައިފައެވެ. ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވެސް ބުނެފައި ވަނީ މިވަގުތު އެ ކުލަބުން އެންމެ އިސް ކަމެއް ދީގެން ކުރާ އެއް ކަމަކީ ކޫންޑޭ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކަމަށެވެ.

ބާސެލޯނާ އަށް ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ދަތިތަކާ ކުރިމަތިވީ އެ ޓީމުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެގެންނެވެ. އެ ކުލަބަށް ކުޅެމުން އަންނަ ޕިއޭ އެމްރިކް އޮބާމަޔަން އާއި މެމްޕިސް ޑިޕޭ ވިއްކާލަން އުޅޭ ކަމުގެ އަޑުތަކެއް މިހާރު ވަނީ ފެތުރިފައެވެ.