އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އިން 6-3 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑާއި ފިލް ފޯޑަން ވަނީ ހެޓްރިކެއް ހަދައިފައެވެ.

މި މޮޅާ އެކު ސިޓީ ވަނީ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފައެވެ. އާސެނަލް އަށް ކުޅުނު އަށް މެޗުން 21 ޕޮއިންޓް ލިބުނު އިރު، ސިޓީން ކުޅުނު އަށް މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ. އާސެނަލް އިން އެއް ބަލިވެފައިވާ އިރު، ސިޓީ އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ.

ލީގުގެ ތިން ވަނައިގައި ޓޮޓެންހަމް އޮތީ ކުޅުނު އަށް މެޗުން ލިބުނު 17 ޕޮއިންޓާއެކުގައެވެ. ބްރައިޓަން ހަތަރު ވަނައިގައި އޮތީ ކުޅުނު ހަތް މެޗުން ލިބުނު 14 ޕޮއިންޓާ އެކުގައެވެ.

ސިޓީ އާއި ޔުނައިޓެޑް ބައްދަލު ކުރި މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ނެގި ހުރަހަކުން ފޯޑެންއެވެ. އެއަށް ފަހު 34 ވަނަ މިނެޓުގައި ސިޓީ އަށް ލިބުނު ކޯނަރަކުން ހާލަންޑް ލަނޑު ޖެހީ ކެވިން ޑި ބްރޭނާގެ އެހީތެރިކަމާ އެކުގައެވެ. ހާލަންޑް ދެވަނަ ލަނޑު ޖެހީ މެޗުގެ 37 ވަނަ މިނެޓުގައެވެ. ޑި ބްރޭނާ ޕެނަލްޓީ އޭރިއާ ތެރެއަށް ފޮނުވާލި ރީތި ބޯޅަ ހާލަންޑް ފައިން ޖެހީ ވެއްޓިގެންފައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުމުގެ އެއް މިނެޓު ކުރިން ފޮޑެން އޭނާގެ ދެވަނަ ލަނޑު ޖެހީ ހާލަންޑް ހުރަސްކޮށްލި ބޯޅައަކުންނެވެ.

ދެވަނަ ހާފު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށީ ޔުނައިޓެޑުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 56 ވަނަ މިނެޓުގައި އެންޓޮނީ ލަނޑެއް ޖަހައި ޔުނައިޓެޑަށް އުންމީދެއް ގެނެސްދިނެވެ. އެކަމަކު، ދެން ފެނިގެން ދިޔައީ ސިޓީން ބޯޅަ ހިފަހައްޓައިގެން ކުޅެ، މެޗު ލީޑް ކުރަމުން ދިޔަ ތަނެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ސާޖީ ގޯމޭޒް ނެގި ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހާލަންޑް ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. ފޯޑެންގެ ހެޓްރިކް ފުރިހަމަކޮށްފައި ވަނީ މެޗުގެ 72 ވަނަ މިނެޓުގައެވެ. ފޯޑެން ހެޓްރިކް ފުރިހަމަ ކުރީ ހާލަންޑް ދިން ބޯޅައެއްގައެވެ.

ޔުނައިޓެޑުން ވަނީ 82 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައިފައެވެ. މި ލަނޑު ޖަހައިދިނީ، އެންޓޮނީ މާޝިއަލްއެވެ. މެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑްގެ ފަހު ގޯލު މާޝިއަލް ޖެހީ ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ލިބިފައި ވަނީ ޕެނަލްޓީ އޭރިއާ ތެރެއިން މާޝިއަލް އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ހާލަންޑަކީ ޕްރިމިއާ ލީގުގެ ތާރީހުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުގައި ހެޓްރިކް ފުރިހަމަ ކުރި ފުރަތަމަ ކުޅުންތެރިޔާއެވެ. މި ސީޒަންގައި މިހާތަނަށް 14 ލަނޑު ޖެހި ހާލަންޑް ވަނީ ޔުނައިޓެޑްގެ އިތުރުން ކްރިސްޓަލް ޕެލެސް އާއި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅެ ހެޓްރިކް ހަދައިފައެވެ.

ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ ތެރެއިން މިވަގުތު އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔަކީ ވެސް ހާލަންޑެވެ. އޭނާއާ އެންމެ ކައިރި ކުރަނީ ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއެވެ. ކޭން ވަނީ ހަތް ލަނޑު ޖަހައިފައެވެ.