އިންޑިއާގެ ގުވަހަޓީގައިި ބޭއްވި ދެކުނު އޭޝިއާގެ ޖޫނިއާ ބެޑްމިންޓަން މުބާރާތުން ރާއްޖޭގެ ޓީމުން ބްރޯންޒް މެޑަލް ހޯދައިފިއެވެ.

އުމުރުން 15 އަހަރާއި 17 އަހަރުގެ ކެޓަގަރީއަށް އަމާޒުކޮށް ބޭއްވި މި މުބާރާތުގައި ރާއްޖޭގެ އިތުރުން ފަސް ގައުމެއް ވަނީ ބައިވެރިވެފައެވެ. އެގޮތުން ނޭޕާލާއި ބަންގްލަދޭޝާއި ބޫޓާނާއި އިންޑިއާ ވަނީ މުބާރާތުގައި ވާދަކޮށްފައެވެ. ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމާއި 17 އަހަރުން ދަށުގެ ޓީމުން ވެސް އެ ދެ ކެޓަގަރީން ރާއްޖެ ޓީމު ވަނީ ބްރޯންޒް މެޑަލް ހޯދާފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ޑިވެލޮޕްމެންޓް އޮފިސާ އަހުމަދު އިޔާދުގެ ކޯޗު ކަމުގެ އިރުޝާދުގެ ދަށުން ރާއްޖެ ޓީމު ވަނީ ހިތްވަރާއެކު މަސައްކަތް ކޮށްފައެވެ. އެގޮތުން އެ މުބާރާތުގެ ފަރިތަކުރުންތައް ވެސް ވަނީ ވަރަށް ކުރީ ބައިގައި ފަށާފައެވެ.

އައްސާމް ބެޑްމިންޓަން އެސޯސިއޭޝަނުން ހިންގި މުބާރާތުގައި ބްރޯންޒް މެޑަލް ހޯދި ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމުގައި ހިމެނެނީ ސަމާރާ އަހުމަދު ހައިކަލާއި، އައިޝަތު ޒޯޔާ ހުސައިންއާއި، ޔޫސުފް މުނައިދީ މަތުލޫބު އަދި އައްޔޫބު އަޒުހަރު މުހައްމަދެވެ.

މި އުމުރުގެ ގިނަ ކުޅުންތެރިން މިހާރު ވެސް އަންނަނީ ރާއްޖެއިން ބޭރުގެ އެހެން ގައުމުގަތަކުގައި ބެޑްމިންޓަން ކުޅުމަށް ފަރިތަކުރުންތައް ހަދަމުންނެވެ.

ޑަބަލްސް 15 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީން ބްރޯންޒް މެޑަލް ހޯދި ދެ ކުޅުންތެރިން

މީގެ އިތުރުން ބްރޯންޒް މެޑަލް ހޯދި 17 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މުހައްމަދު އުދައިޝް އަހުމަދު ޝަރީފާއި، ޝުބާ މުހައްމަދު ޝަރީފާއި، ޝައިބާ މުހައްމަދު ޝަރީފް އަދި އިސްމާއީލް ނާބިތު އިބްރާހިމެވެ.

ހަމައެހެންމެ މުބާރާތުގައި ޑަބަލްސްގެ 15 އަހަރުން ދަށުގެ އަންހެން ބައިގައި ސަމާރާ އާއި ޒޯޔާ ވަނީ ބްރޯންޒް މެޑަލް ހޯދައިފައެވެ. އެ އުމުރުފުރާގެ ފިރިހެން ބައިގައި ޔޫސުފް އާއި އައްޔޫބް ވެސް ވަނީ ބްރޯންޒް މެޑަލް ހޯދައިފައެވެ.

މި މުބާރާތުގައި ސްރީލަންކާގެ 15 އަހަރުން ދަށުގެ ޓީމުން ވަނީ 5-0 ގެ ނަތީޖާ އަކުން ރާއްޖެ ޓީމު ބަލިކޮށްފައެވެ. މުބާރާތުގެ އެންމެ ފާހަގަ ކޮށްލެވޭ ޓީމެއްގެ ގޮތުގައި ހިމެނެނީ ވެސް ލަންކާގެ 15 އަހަރުން ދަށުގެ ޓީމު ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.