ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީ އިން އިޓަލީގެ ޗެމްޕިއަން އޭސީ މިލާން ބަލިކޮށް މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ޗެލްސީން ފުރަތަމަ މޮޅު ހޯދައިފިއެވެ.

ޗެލްސީން މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ޑިނަމޯ ޒަގްރެބް އަތުން ބަލިވެފައެވެ. ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޗެލްސީ އޮތީ ޖުމުލަ ހަތަރު ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޗެލްސީ އިން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ދާދި ފަހަކުން އެ ޓީމަށް އަލަށް ނެގުނު ކޯޗު ކަމަށްވާ ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން ޗެލްސީން ވަނީ ރަނގަޅު ކައުންޓާ އެޓޭކްތަކެއް ހަދާ ރީތި ގޭމެއް ކުޅެފައެވެ. ޗެލްސީއަށް މެޗުގެ 23 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ އެޓީމުގެ ޑިފެންޑަރު ވެސްލީ ފޮފާނާއެވެ.

ދެ ޓީމުން ވެސް ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައިރު، މިލާނަށް ވަނީ އެއްވަރު ކުރުމަށް ފުރަތަމަ ހާފުގައި ރަނުގެ ފުރުސަތު ތަކެއް ލިބިފައެވެ. ނަމަވެސް ރޭގެ މެޗުގައި ޗެލްސީގެ ޑިފެންޑަރު ކަލިޑައޫ ކޮލިބަލީ ޖެހި މޮޅު ޓެކުލްތަކުން ވަނީ އެހަމަލާތައް ބްލޮކްކޮށްފައެވެ.

ފުރަތަމަ ހާފު 1-0 ގެ ނަތީޖާއިން ޗެލްސީއިން މޮޅުވިއިރު އެ ޓީމަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 56 ވަނަ މިނިޓްގައި ޖޭމްސް ނެގި ހުރަހަކުން ޕިއޭ އެމެރިކް އޮބަޔާން ޖެހި ރީތި ގޯލުންނެވެ. މެޗުގެ ތިން ވަނަ ގޯލު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދު ޖޭމްސްއެވެ. މިފަހުުން ސިޓީ ދޫކޮށް ދިޔަ ރަހީމް ސްޓާލިން ނަގައިދިން ހުރަހަކުން ޖޭމްސް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

ގްރޫޕް އީގެ އެއް ވަނައިގައި އޮތީ ރޭ ޑިނަމޯ ޒަގްރެބް އަތުން 1-0 އިން މޮޅުވެ، ތިން މެޗުން ފަސް ޕޮއިންޓް ހޯދި ސަލްޒްބާގްއެވެ. ދެ ވަނައިގައި ޗެލްސީ އޮތީ ތިން ވަނައިގައި އޮތް މިލާނާ އެއްވަރަށް ތިން މެޗުން ހަތަރު ޕޮއިންޓާ އެކުއެވެ. އެންމެ ފުލުގައި އޮތް ޒަގްރެބަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.

ހަމައެހެންމެ ރޭ މެންޗެސްޓާ ސިޓީ އިން ވަނީ ކެޕެންހާގެން އަތުން 5-0 ގެ ނަތީޖާއިން މޮޅުވެފައެވެ. ގްރޫޕް ޖީގެ އެއް ވަނައިގައި ސިޓީ އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ ސެވިއްޔާ އަތުން 4-1 އިން މޮޅުވި ބޮރޫޝިއާ ޑޯޓްމަންޑް އެވެ.