އަނިޔާ އިން ރަނގަޅުވެ، މިމަހު 20 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕްގައި ޓޮޓެންހަމްގެ ސައުތު ކޮރެއާ ފޯވާޑް ސޮން ހެއުން-މިން އަށް ކުޅެވޭނެ ކަމަށް ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

މާސޭ އަތުން 1-2 އިން މޮޅުވި މެޗަށްފަހު ޓޮޓެންހަމުން ބުނީ ސޮންއަށް ލިބިފައިވާ އަނިޔާއާ ގުޅިގެން އޭނާ ސާޖަރީއެއް ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ސޮންގެ ވާއަތު ލޮލުގެ ކަށިގަނޑުގައި ރެނދެއް ލާފައިވާ ކަމަށާއި، އެކަމުން ރަނގަޅު ވުމަށް ސާޖަރީއެއް ކުރަން ޖެހޭ ކަމަށް ކުލަބުން ވަނީ ބުނެފައެވެ.

އަނިޔާ އިން ރަނގަޅުވުމަށް އޭނާ ވަނީ ހުކުރު ދުވަހު އޮޕަރޭޝަނެއް ކޮށްފައެވެ. ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވި މެޗުގައި ސޮން އަށް ނުކުޅެވެއެވެ. އެކަމަކު ކޯޗު ކޮންޓޭ ބުނީ ރަނގަޅަށް ރިކަވަރީގެ ކަންކަން ގޮސް ވޯލްޑްކަޕަށް ސޮން އެނބުރި އަންނާނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ. އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ގެއްލިދާނެތީ ސޮން ހުރީ ވަރަށް ބޮޑަށް ދެރަވެ މާޔޫސްވެފައި ކަމަށް ވެސް ކޮންޓޭ ބުންޏެވެ.

"ސޮންއަށް އަށް އަންނަނީ މެޑިކަލް ޓެސްޓުތައް ހަދާ ރިކަވަރީގެ ހުރިހާ ކަމެއް ހަމަޖައްސަމުން. އަނިޔާއަށްފަހު އެނބުރި އައިސް ވޯލްޑްކަޕްގައި ސޮން އަށް ކުޅެވޭނެ ކަމުގެ ޔަގީންކަން އަހަންނަށް އެބަ އޮތް،" ކޮންޓޭ ބުންޏެވެ.

ސައުތު ކޮރެއާގެ ފުރަތަމަ މެޗުގައި މިމަހު 24 ވަނަ ދުވަހު ވާދަކުރަން ޖެހޭނީ އުރުގުއޭއާއެވެ. ސައުތު ކޮރެއާގެ ޓީމުން އެންމެ އުންމީދު ވެސް ކުރަމުން އަންނަނީ ސޮން އަށް ކަމަށްވާއިރު، ސޮންއަށް ލިބުނު އަނިޔާއަށް އަވަސް މުސްތަގުބަލެއްގައި ފަރުވާ ނުލިބިއްޖެނަމަ ކޮރެއާގެ ފޭނުން އެކަމާ ވަރަށް ބޮޑަށް ހިތާމަ ކުރާނެއެވެ. އޭނާ އަކީ މުޅި ކޮރެއާގައި ވެސް ހުރި އެންމެ މޮޅު ކުޅުންތެރިޔާއެވެ.