ވޯލްޑް ކަޕްގެ ފައިނަލުގައި ބްރެޒިލްއާ ދެކޮޅަށް ނުކުތުމަކީ ހުވަފެނެއް ކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ކުޅިވަރާ ބެހޭ މަޝްހޫރު އެޕް، ލައިވްސްކޯގެ ބްރޭންޑް އެމްބެސެޑަރެއްގެ ހައިސިއްޔަތުން އެ އެޕަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ވަނީ މިފަހަރުގެ ވޯލްޑްކަޕުގެ ފައިނަލުގައި ކުޅެން ބޭނުންވާ ޓީމުގެ ނަން ހާމަކޮށްފައެވެ. އެގޮތުން އޭނާ ބުނީ މިފަހަރު ބޭނުންވަނީ ފައިނަލުގައި އޭނާގެ މެންޗެސްޓާ ޔުނައިޓެޑް ޓީމްގެ އެކުވެރިން ކަމަށްވާ ކަސަމީރޯއާއި އެންޓޮނީ ނިސްބަތްވާ ބްރެޒިލްއާ ވާދަކުރުމަށް ކަމަށެވެ.

"އަހަރެން ކަސެމީރޯ ކައިރީ ބުނިން މިފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަކީ ޕޯޗުގަލާއި ބްރެޒިލްގެ ވޯލްޑް ކަޕްގެ ފައިނަލެއް ކަމަށް. ހަގީގަތަށް ބުނާ ނަމަ، އެއީ އަހަރެންގެ ހުވަފެނެއް،" ލައިވްސްކޯ އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ ވޯލްޑްކަޕަކީ ކާމިޔާބު ކުރަން އެންމެ އުނދަގޫ މުބާރާތް ކަމަށާއި، އެކަމަކު އުނދަގޫ ކަންކަމަކީ ވެސް ހުވަފެން ދެކެވިދާނެ ކަންކަން ކަމަށެވެ.

މިފަހަރުގެ ވޯލްޑްކަޕަށް އެންމެ ރަނގަޅަށް ތައްޔާރުވީ ޓީމުތަކުގެ ތެރޭގައި ބްރެޒިލް ހިމެނޭއިރު، ބްރެޒިލް ވޯލްޑްކަޕަށް ކޮލިފައިވީ އެއްވެސް މެޗަކުން ބަލިނުވެއެވެ. ޕޯޗުގަލް ކޮލިފައިވީ ގުރޫޕުން ދެވަނައަށް ދިއުމާއެކު ޕްލޭއޮފް ކުޅެގެންނެވެ.

އަންނަ އާދީއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕަކީ ރޮނާލްޑޯގެ ފަސްވަނަ ވޯލްޑް ކަޕެވެ. ރޮނާލްޑޯގެ ކެރިއަރު ނިންމާލުމުގެ ކުރިން، އޭނާއަށް ހާސިލުވެފައި ނުވާ ހަމައެކަނި ކާމިޔާބީ ކަމަށްވާ ވޯލްޑް ކަޕެއް ހޯދުމަކީ މުހިންމު އަޒުމަކަށް ވާނެއެވެ.

ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ. އެއީ މޮޅު ކުޅުންތެރިންތަކެއް ނެރެފައިވާ ގައުމެކެވެ. ޔުސޭބިއޯ އާއި ލުއިސް ފީގޯ އާއި ރުއި ކޮސްޓާ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނެވެ. އެކަމަކު ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، މި ކުޅުންތެރިންނަށް ވުރެ ރޮނާލްޑޯ އުޅޭނީ މާ ކުރީގައެވެ.

ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އިން ކެރިއަރު ފެށުމަށް ފަހު، މެންޗެސްޓާ ޔުނައިޓަޑާއި ރެއާލް މެޑްރިޑަށް ވެސް ކުޅެފައިވާ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2003 ވަނަ އަހަރުއެވެ. މި ވަގުތު ދަށް ފޯމެއްގައި ހުއްޓަސް، ޕޯޗުގަލްއަށް 191 މެޗުން 117 ލަނޑު ޖަހާ ރެކޯޑް ހަދާފައިވާ، ކެޕްޓަން ރޮނާލްޑޯ ވޯލްޑް ކަޕްގައި ތަފާތު ދެއްކުމަކީ ވަރަށް ވެސް ގާތްކަމެކެވެ. މި ވޯލްޑް ކަޕަކީ މިހާރު އުމުރުން 37 އަހަރުގެ ރޮނާލްޑޯގެ އެންމެ ފަހު ވޯލްޑްކަޕަށް ވުން ވަރަށް ގާތެވެ.