ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފްރާންސުން 2-1 އިން މިރޭ ޑެންމާކް ބަލިކޮށްފިއެވެ. ޑެންމާކް ބަލި ކުރުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއެވެ.

މި ނަތީޖާއާ އެކު، މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރި ފުރަތަމަ ޓީމަކީ ވެސް ފްރާންސެވެ. ދެ މެޗުން މޮޅުވެ، އެ ޓީމު އޮތީ ހަ ޕޮއިންޓާ އެކުގައި ގްރޫޕް ޑީގެ އެއް ވަނައިގައެވެ. ދެވަނައިގައި ތިން ޕޮއިންޓާ އެކުގައި އޮތީ މިއަދު ޓިއުނީޝިއާ 1-0 އިން ބަލި ކުރި އޮސްޓްރޭލިއާއެވެ. އެއް ޕޮއިންޓާ އެކުގައި ގްރޫޕްގެ ތިނެއް އަދި ހަތަރު ވަނައިގައި އޮތީ ޑެންމާކާއި ޓިއުނީޝިއާއެވެ.

އެމްބާޕޭ ދެކެ ބިރެއް ނުގަނޭ، ހުއްޓުވަން ޕްލޭނެއް އެބައޮތް: ޑެންމާކް ކޯޗު

މި ގްރޫޕްގެ ފަހު މެޗުގައި ފްރާންސް ނުކުންނާނީ ޓިއުނީޝިއާއާ ދެކޮޅަށެވެ. އަދި އޮސްޓްރޭލިއާ ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ. މި ގްރޫޕްގައި ހިމެނޭ ތިން ޓީމަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

އެމްބާޕޭ މިރޭގެ މެޗުގައި ލަނޑު ޖެހުމަށް އުފާ ފާޅު ކުރަނީ. --- ފޮޓޯ: ގެޓީ އިމޭޖަސް

ގަތަރުގެ 974 ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ބަދަލުތަކެއް ފެނިގެންދިޔައެވެ. ފްރާންސަށް ބަލާއިރު، ކުރީ މެޗުގައި ފެނުނު ލިވަޕޫލްގެ ޑިފެންޑަރު ކޮނާޓޭގެ ބަދަލުގައި ކުޅެން އަރުވާފައި ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ރަފައޭލް ވަރާންއެވެ. އަދި ބަޔާންގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް އާއި ބަޔާންގެ ލޫކަސް ހެނާންޑޭޒްގެ ބަދަލުގައި ބާސެލޯނާގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ އާއި އޭސީ މިލާންގެ ޑިފެންޑަރު ތިއޯ ހެނާންޑޭޒް ވަނީ އަރުވައިފައެވެ.

ޑެންމާކަށް ބަލާއިރު، އަނިޔާގެ ސަބަބުން ޑިފެންޑަރު ކެޕްޓަން ސިމޯން ކިއޭގެ ބަދަލުގައި އެތަނަށް ޑިފެންޑަރެއް ލުމުގެ ބަދަލުގައި އެ ޓީމު ބިނާ ކުރީ ކައުންޓާ އެޓޭކަށް ވިސްނައިގެންނެވެ. އެގޮތުން ބްރެންޓްފޯޑަށް ކުޅޭ މިކެލް ޑޭމްސްގާޑާއި ކޯޕަންހާގެން އަށް ކުޅޭ އެންޑްރިއާސް ކޮނެލިއަސް އަރުވާފައިވެއެވެ. ފްރާންސްގެ ކުރީގައި ތިބީ އޮސްޓްރޭލިއާއާ ދެކޮޅަށް ފުރަތަމަ ކުޅެން އެރި ކުޅުންތެރިންނެވެ.

ފްރާންސްގެ އެމްބާޕޭ ދަނޑު މައްޗަށް ވެއްޓިފައި. --- ފޮޓޯ: ގެޓީ އިމޭޖަސް

މެޗު ފަށައިގެން 10 މިނެޓު ކުޅެވުނު އިރު ވެސް ފްރާންސާއި ޑެންމާކަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އެކަމަކު، ޑެންމާކަށް ވުރެ ބޮޑަށް ބޯޅަ ހިފަހައްޓައިގެން ކުޅުނީ ފްރާންސެވެ. ޑެންމާކަށް ޖެހުނީ ބޮޑަށް ފްރާންސް ކުޅޭ ތަން ބަލާށެވެ. އެއަށްފަހު، ވަރަށް ރަނގަޅަށް ޑިފެންސް ކުރެވޭތޯ ބެލިއެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ފްރާންސަށް ލީޑް ނަގަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ބާސެލޯނާގެ އުސްމަން ޑެމްބެލޭ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައި ދިން ބޯޅަ ޔުވެންޓަސް އަށް ކުޅޭ މިޑްފީލްޑަރު އެޑްރިއަން ރާބިއޯ ބޮލުން ޖެހި ނަމަވެސް ފްރާންސްގެ ނީސް އަށް ކުޅޭ ކެސްޕާ ޝްމައިކަލް ވަނީ ހުޝިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

ފްރާންސްގެ ޑިފެންޑަރު ވަރާން ބޮލުން ބޯޅަ ޖަހަނީ. --- ފޮޓޯ: ގެޓީ އިމޭޖަސް

އޭގެ ނުވަ މިނެޓު ފަހުން އެމްބާޕޭ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ނަގައި ދިން ހުރަސް ފްރާންސްގެ ޑިފެންޑަރު ކޫންޑޭ ގޯލާ ދިމާލަށް ޖެހި ނަމަވެސް ޓޮޓެންހަމް އަށް ކުޅޭ މިޑްފީލްޑަރު ޕިއޭ އެމިލޭ ހޮޖްބާގް ވަނީ ގޯލަށް ވަނުމުގެ ކުރިން ބޯޅަ ދިފާއުކޮށްފައެވެ.

މެޗުގެ 33 ވަނަ މިނެޓުގައި ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ ދިން ބޯޅައެއްގައި މިޑްފީލްޑަރު އެންޓޯނިއޯ ގްރިޒްމަން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ބޯޅަ ގޯލާ ދިމާލަށް ޖެހި ނަމަވެސް ޑެންމާކް ކީޕަރު ވަނީ މަތަކޮށްފައެވެ. އޭގެ މިނެޓެއް ފަހުން ޑެންމާކަށް ލިބުނު ކައުންޓާ އެޓޭކެއްގައި ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ކޮނެލިއަސް ފްރާންސް ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. މި ފުރުސަތަކީ ފްރާންސް ގޯލަށް ނުރައްކާ ކުރަން ޑެންމާކަށް ހާފްގައި ލިބުނު ހަމައެކަނި ފުރުސަތެވެ.

ޑެންމާކްގެ ޑިފެންޑަރު ކްރިސްޓެންސަން އަށް ރީނދޫ ކާޑް ދައްކަނީ. --- ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ 40 ވަނަ މިނެޓުގައި އެމްބާޕޭ އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. ފްރާންސަށް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑެމްބެލޭ އަރިމަތީގައި ހުރެފައި ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައި ދިން ބޯޅަ އެމްބާޕޭ އެއް ފަހަރުން ޖެހި ނަމަވެސް ބޯޅަ ދިޔައީ މާ މަތިން ބޭރަށެވެ.

ފުރަތަމަ ހާފް ނިމުނު އިރު، ފްރާންސުން ޑެންމާކް ގޯލަށް 13 ހަމަލާއެއް ފޮނުވާލިއެވެ. އެކަމަކު، އޮން ޓާގެޓްގެ ގޮތުގައި ފްރާންސަށް ހެދުނީ އެންމެ ތިން ޝޮޓެވެ. ޑެންމާކަށް ދެ ހަމަލާއެއް ފޮނުވާލެވުނު ނަމަވެސް، ފްރާންސްގެ ކީޕަރު އަދި ކެޕްޓަން ހުގޯ ލޯރިސް މަސައްކަތް ކުރަން ޖެހުނު ބޯޅައެއް ނެތެވެ.

ދެވަނަ ހާފް ފަށައިގެން ފްރާންސާއި ޑެންމާކްގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުން ވެސް ބެލީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ހަމަލާތަކެއް އުފެއްދޭތޯއެވެ. އެކަމަކު، ދެ ވަނަ ހާފްގެ 10 މިނެޓު ކުޅެވުނު އިރު ވެސް ދެ ޓީމުން ކުރެ ޓީމަކަށް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

ފްރާންސްގެ ޑިފެންޑަރު ކޫންޑޭ ބޯޅަ ހޯދަން މަސައްކަތް ކުރަނީ. -- ފޮޓޯ: ގެޓީ އިމޭޖަސް

އެކަމަކު، މެޗުގެ 56 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ޑެންމާކް ގޯލަށް ނުރައްކާކޮށްފައެވެ. ހާފްގެ މެދަކާ ހިސާބުގައި ހުރެފައި ޑެންމާކް ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ޖެހި ބާރު ހަމަލާ، ޑެންމާކް ކީޕަރު ޝްމައިކަލް ވަނީ ކޯނަރަކަށް ބޭރުކޮށްލައިފައެވެ.

އޭގެ ހަތަރު މިނެޓު ފަހުން، ގްރީޒްމަން އަށް ވެސް ލީޑް ނަގަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު މެއިން ކޮންޓްރޯލްކޮށްލުމަށް ފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ މާ މަތިން ބޭރަށެވެ.

ފްރާންސުން މެޗުގެ ލީޑް ފުރަތަމަ ފަހަރަށް ނެގީ މެޗުގެ 61 ވަނަ މިނެޓުގައެވެ. އޭސީ މިލާނަށް ކުޅޭ ޑިފެންޑަރު ތިއޯ ހެނާންޑޭޒް ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ދިން ބޯޅަ އެއް ފަހަރުން ޖަހާ ގޯލްގެ ތެރެއަށް ވައްދާލާފައި ވަނީ އެމްބާޕޭއެވެ.

އެމްބާޕޭ ބޯޅަ ހިފައިގެން. --- ފޮޓޯ: ގެޓީ އިމޭޖަސް

ޑެންމާކުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 68 ވަނަ މިނެޓުގައެވެ. ޑެންމާކަށް ލިބުނު ކޯނަރެއްގައި މި ގޯލް ބޮލުން ކާމިޔާބުކޮށް ދިނީ ބާސެލޯނާ އަށް ކުޅެމުން އަންނަ ޑިފެންޑަރު ކްރިސްޓެންސަންއެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ޑެންމާކަށް ލީޑް ނަގަން ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. އެގޮތުން ޑެމްސްގާޑް ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި ޖެހި ބޯޅަ ފްރާންސް ކީޕަރު ލޯރިސް ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން ފްރާންސްގެ މިޑްފިލްޑަރު ރަބިއޯ އަށް ވެސް ވަނީ ލީޑް ނަގަން ފުރުސަތެއް ލިބިފައެވެ. ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި ރަބިއޯ އޯވާހެޑަކުން ޖެހި ބޯޅަ ދިޔައީ ގޯލް ކައިރިން ބޭރަށެވެ.

ކްރިސްޓެންސަން (ކ) ލަނޑު ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ. --- ފޮޓޯ: ގެޓީ އިމޭޖަސް

ފްރާންސުން މެޗުގެ ދެވަނަ ފަހަރަށް ލީޑް ނެގީ 86 ވަނަ މިނެޓުގައި އެ ޓީމުގެ ތަރި އެމްބާޕޭއެވެ. މިއީ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ގްރިޒްމަން ނަގައި ދިން ރީތި ބޯޅައެއްގައި އެއް ފަހަރުން ގޯލަށް ވައްދާލައިގެން އެމްބާޕޭ ޖެހި ގޯލެކެވެ.

މިއީ އެމްބާޕޭ 23، ގައުމީ ޓީމަށް ޖަހައި ދިން 31 ވަނަ ލަނޑެވެ. އެމްބާޕޭ ވަނީ ގައުމީ ޓީމަށް އެންމެ ފަހުން ކުޅެ ދިން 13 މެޗުގައި 14 ލަނޑު ޖަހައިފައެވެ.

މިފަހަރު މިއީ އެމްބާޕޭގެ ވޯލްޑް ކަޕެއް: ފްރާންސް ކޯޗު

ވޯލްޑް ކަޕްގެ އެކި މުބާރާތްތަކުގެ ގްރޫޕް ސްޓޭޖުގައި ފްރާންސާއި ޑެންމާކް ތިން ފަހަރެއްގެ މަތިން ބައްދަލުކުރިއެވެ. އެގޮތުން ފްރާންސް އިން ވޯލްޑް ކަޕް ތަށި އުފުލާލި ދެ ފަހަރު، 1998 އާއި 2018 ގައި ފްރާންސް މޮޅުވި އިރު، ޑެންމާކަށް ކުރި ހޯދުނީ 2002 ގެ ވޯލްޑް ކަޕްގައެވެ.

މި އަހަރުގެ މެދުތެރޭގައި ނޭޝަންސް ލީގުގައި ފްރާންސް އާއި ޑެންމާކް ބައްދަލު ކުރި ދެ ފަހަރު ވެސް ކުރި ހޯދާފައި ވަނީ ޑެންމާކެވެ. މިދިޔަ ޖޫން މަހު ފްރާންސް އަމިއްލަ ދަނޑުގައި ޑެންމާކް އަތުން ބަލިވީ 2-1 އިންނެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހު ޑެންމާކްގެ ކޯޕެންހާގެންގައި ފްރާންސް ބަލިވީ 2-0 އިންނެވެ.

ފްރާންސްގެ ސަޕޯޓަރުން. --- ފޮޓޯ: ގެޓީ އިމޭޖަސް

ވޯލްޑް ކަޕްގައި ޑެންމާކަށް މާ ރަނގަޅު ނަތީޖާއެއް ހާސިލް ކުރެވިފައެއް ނުވެއެވެ. އެގޮތުން ވޯލްޑް ކަޕްގައި އެ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ވަނީ އެއްވަރުވެފައެވެ. އޭގެ ތެރޭގައި މި އަހަރުގެ ވޯލްޑް ކަޕްގައި ޑެންމާކް ޓިއުނީޝިއާ އަތުން 0-0 އިން އެއްވަރުވި މެޗު ހިމެނެއެވެ. އޭގެ ބަދަލުގައި ފްރާންސް ވަނީ އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނު ފަސް މެޗުން މޮޅުވެފައެވެ.

ޑެންމާކަކީ ޔޫރަޕްގެ ބޮޑެތި ކުލަބުތަކާ ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރޭ ޓީމެކެވެ. އެގޮތުން އެ ޓީމު މި އަހަރުގެ ވޯލްޑްކަޕުން ޖާގަ ހޯދީ ވޯލްޑަޕް ކޮލިފިކޭޝަންގެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކޮލިފައިންގައި އެ ޓީމު ކުޅުނު 10 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

ފްރާންސް ވަނީ ދެ ފަހަރެއްގެ މަތިން ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަން ފްރާންސްއަކީ މުބާރާތުގެ އެއް ފޭވަރިޓެވެ. އެންމެ ފަހުގެ ޗެމްޕިއަންގެ ހައިސިއްޔަތުން ފްރާންސް މުބާރާތާ ކުރިމަތިލި އިރު، އެ ޓީމަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިވިއެވެ. އެކަމަކު، ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި ފްރާންސްގެ ފަރާތުން އެ ތަނެއް ނުދައްކައެވެ.