2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފްރާންސްއިން ކާމިޔާބު ކުރިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކުރި މިޑްފީލްޑަރު، ބްލެއިސް މަޓުއިޑީ, ފުޓުބޯޅަ ކުޅުން ހުއްޓާލައި، ރިޓަޔާމަންޓް އިއުލާނު ކޮށްފިއެވެ.

އުމުރުން 35 އަހަރުގެ މަޓުއިޑީ ފުޓުބޯޅަ ކުޅުން ހުއްޓާލިކަން ހާމަކޮށްފައިވަނީ އޭނާގެ ޓުވިޓަރ އެކައުންޓު މެދުވެރިކޮށް، ހުކުރު ދުވަހު ކުރި ޓުވީޓެއްގައެވެ. މަޓުއިޑީ ބުނީ ފުޓުބޯޅަ ދެކެ އޭނާ ވަރަށް ލޯބިވާ ކަމަށާއި، ފުޓުބޯޅައިން އޭނާއަށް އެތައް ކަމެއް ހާސިލްކުރެވުނު ކަމަށެވެ. ނަމަވެސް އޭނާ ބުނީ ފުޓުބޯޅަ ކުޅުން ހުއްޓާލުމަށް ބުނާ ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ. އޭނާ ބުނީ ފުރިހަމަ މީހެއް ގޮތުގައްޔާއި، ކުއްޖެއްގެ ގޮތުގައި އޭނާގެ ހުވަފެންތައް ހަގީތަކަށް ހެދުނުކަމަށެވެ. މަޓުއިޑީ ބުނީ އޭނާ އެ ނިންމުން ނިންމަންޖެހުނީ ވަރަށް އުނދަގޫކޮށް ކަމަށާއި، ނަމަވެސް އެ ސަފްހާ އެއްލަނީ ވަރަށް ފަޚުރުވެރިކަމާއެކު ކަމަށެވެ.

މީސްމީޑިއާގައި އާންމުކުރި ޕޯސްޓާއެކު، އޭނާ ވަނީ 30 މިނެޓުގެ ވަދާއީ އިންޓަވިއުއެއް ވެސް ހިއްސާކޮށްފައެވެ.

17 އަހަރުގެ ކެރިއަރަކަށްފަހު މަޓުއިޑީ ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔާކުރިއިރު، އޭނާ ވަނީ ކެރިއަރުގައި ހައިބަތު ބޮޑު 22 ޓްރޮފީއެއް އުފުލާލާފައެވެ. އޭނާ އެންމެފަހުން ވާދަވެރި ފުޓުބޯޅަ މެޗެއް ކުޅެފައި ވަނީ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މަޓުއިޑީ އޭނާގެ ސީނިއަރ ކެރިއަރު ފެށީ 2004 ވަނަ އަހަރު ފްރާންސްގެ ޓްރޮޔީސްއިންނެވެ. އޭގެ ފަހުން އޭނާ ވަނީ އެކި ކުލަބުތަކަށް ކުޅެފައެވެ. އޭގެތެރޭގައި; ސެއިންޓް އެޓިއެންއާއި، ޕެރިސް ސެއިންޓް ޖަރމަން (ޕީއެސްޖީ)އާއި، ޔުވެންޓަސް، އަދި އިންޓަރ މިއާމީ ހިމެނެއެވެ. މަޓުއިޑީ އެންމެ ފަހުން ކުޅުނީ އިންޓަރ މިއާމީއަށެވެ. އެއީ 2020 ވަނަ އަހަރުން 2021 ވަނަ އަހަރުގެ ނިޔަލަަށެވެ.

ޔޫރަޕު ފުޓުބޯޅަ ދޫކޮށްލުމަށްފަހު މަޓުއިޑީ އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް)ގެ އިންޓާ މަޔާމީއަށް ކުޅެން ފެށީ 2020 ވަނަ އަހަރުއެވެ. ރިޓަޔާ ކުރުމާ ހަމައަށް އޭނާ ހުރީ އެ ޓީމުގެ ކޮންޓްރެކްޓުގައެވެ.

2010 ވަނަ އަހަރާއި 2019 ވަނަ އަހަރާ ދެމެދު ފްރާންސްގެ ސީނިއާ ގައުމީ ޓީމަށް ކުޅެން ފެށި މަޓުއިޑީ ވަނީ އެ ޓީމަށް ކުޅެދިން 84 މެޗުން ނުވަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މަޓުއިޑީ ވަނީ ޔުވެންޓަސްއާއި ޕީއެސްޖީގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ޖުމްލަ ހަތް ލީގު ކަޕް ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ވެސް އެ ކުލަބުތަކާއެކު އޭނާ އެކި މުބާރާތްތައް ކާމިޔާބު ކޮށްފައި ވެއެވެ.

ފުޓުބޯޅަ ކުޅުން ހުއްޓާލިއިރު މަޓުއިޑީގެ އުމުރަކީ 35 އަހަރެވެ.