ދުނިޔޭގެ އެންމެ އަގު ބޮޑު އަދި މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަލް ނަސްރު ދޫކޮށްލާނެ ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.

ރޮނާލްޑޯ އަލް ނަސްރު ދޫކޮށްލަން އުޅޭ ކަމަށް ބޭރުގެ ބައެއް ކުޅިވަރުގެ ޚަބަރުތަކުން ރިޕޯޓްކުރަމުންދާއިރު، އޭނާ އަލް ނަސްރު އާއި ގުޅުނުތާ މާ ގިނަ ދުވަހެއް ނުވެއެވެ. ރިޕޯޓްތައް ބުނާ ގޮތުންނަމަ ރޮނާލްޑޯ މިހާރު ބޭނުންވަނީ ސްޕެއިންގެ ވެރިރަށް މެޑްރިޑަށް ބަދަލުވާށެެވެ. އަދި އޭނާގެ ބައިވެރިޔާ ޖޯޖިނިއާ ރޮޑްރިގޭޒްވެސް ބޭނުންވަނީ ސައުދީ އަރަބިއްޔާ ދޫކޮށް އެ ދެމީހުން އަލަށް ދިމާވި ސިޓީ ކަމުގައިވާ މެޑްރިޑަށް ބަދަލުވާށެވެ.

ރެއާލް މެޑްރިޑްއިން އެ ކްލަބަށް އެތައް ކާމިޔާބީތަކެއް ހޯދައި ދިން ރޮނާލްޑޯއަށް ކްލަބަށް ކުޅެން ފުރުސަތު ނުދިނަސް ރެއާލް އިން ވަނީ އެ ކްލަބްގެ އެމްބެސެޑަރަކަށްވުމުގެ ފުރުސަތު ރޮނާލްޑޯއަށް ހުޅުވާލާފައިވާ ކަމަށް "ދި ޑެއިލީ މެއިލް"އިން ރިޕޯޓްކޮށްފައިވެއެވެ.

ރެއާލްއަށް ކްރިސްޓިއާނޯ ކުޅެދިން 438 މެޗުގައި އޭނާ ވަނީ އެ ކްލަބަށް 451 ލަނޑު ޖަހައިފައެވެ.

ފަސް ފަހަރު ބެލަން ޑި އޯ އެވޯޑް ހާސިލުކޮށްފައިވާ ރޮނާލްޑޯ އަށް މިހާތަނަށް އަލް ނަސްރުއަށް ކުޅެދިން ހުރިހާ މެޗެއްގައި ޖެހިފައި ވަނީ އެންމެ 12 ލަނޑެވެ.

ރޮނާލްޑޯ ވަނީ އަލް ނަސްރާ އެކީގައި 175 މިލިއަން ޕައުންޑްގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިއެވެ. މި އެއްބަސްވުން ދިގުދެމިގެން ދަނީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ.

އަލް ނަސްރު އާއި ރޮނާލްޑޯ ގުޅުމުގެ ކުރިން މޭޖަރ ލީގް ސޮކަރ(އެމްއެލްއެސް) ގެ ކްލަބަކުންވެސް ވަނީ ރޮނާލްޑޯ ހޯދަން ޝައުގުވެރިވާކަން ފާޅުކޮށްފައެވެ. އަދި ޔޫރަޕްގެ އެހެން ކްލަބްތަކުން ވެސް ވަނީ ރޮނާލްޑޯއަށް ހުށަހެޅުންތައް ހުށަހަޅާފައިއެވެ. އޭގެ ތެރޭގައި ސްޕޯޓިން ލިސްބަންވެސް ހިމެނެއެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި ނިއުކާސަލް ޔުނައިޓެޑުން ވެސް މިހާރު ރޮނާލްޑޯ ހޯދަން ބޭނުންވެއެވެ. މި އަހަރުގެ ކުރީކޮޅުގައި މިފަދަ ވާހަކަތައް ފެތުރިގެންދިޔަ ނަމަވެސް، ނިއުކާސަލްގެ މެނޭޖަރު އެޑީ ހާއު ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.