މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ ސުބާންގް ކަޕް ގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ކޭއެލް ޓައިޓަންސް ހޯދައިފިއެވެ.

ސުބާންގްކަޕަކީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި އެކުވެރިކަން އާލާ ކުރުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ. މުބާރާތް އިންތިޒާމް ކުރަނީ ސުބާންގްގައި ދިރިއުޅޭ ދިވެހި ކޮމިއުނިޓީންނެވެ. މިބާރާތުގެ އަންހެން އަދި ފިިރހެން ޗެންޕިއަން ޓީމަށް 2000 ރިންގެޓް އަދި ރަނަރަޕް ޓީމަށް 1000 ރިންގެޓް ވަނީ ދީފައެވެ.

ފިރިހެން ބައިގައި ޖުމުލަ 11 ޓީމު ވަނީ ބައިވެރިވެފައެވެ. ފައިނަލުގައި ކޭއެލް ޓައިޓަންސް ކުޅެފައި ވަނީ ދެ އަހަރުގެ ޗެމްޕިއަން ޓީމް އީސީއާއި ދެކޮޅަށެވެ. ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ ފައިނަލު މެޗު ބަލާލުމަށް ގާތް ގަނޑަކަށް ހާހެއްހާ މީހުން ވަނީ ޖަމާވެފައެވެ.

މި މުބާރާތުގެ "ކިންގް އޮފްދި ޓޯނަމެންޓަ" އަށް ހޮވިފައިވަނީ ރާއްޖޭގެ ފުޓްސަލްގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އަބްދުﷲ ޝައްފާ (ޝާކާ)އެވެ. މީގެ އިތުރުން މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައި ވަނީ ޝާކާއެވެ.

ސުބާންގް ކަޕުގެ އަންހެން ބައިގައި ޖުމުލަ 3 ޓީމު ވަނީ ބައިވެރި ވެފައެވެ. އަންހެން ބައިގެ ފައިނަލުގައި ވާދަކޮށްފައި ވަނީ ވިކްޓޯރިއަސް ސީކްރެޓާއި ދަށް އެފްސީއެވެ. "ކުއީން އޮފް ދަ ޓޯނަމެންޓަ"އަށް ހޮވިފައި ވަނީ ދަށް އެފްސީގެ ޔަނާލްއެވެ. އަންހެންގެ ބައިން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޝާލިޔާއެވެ.

މަޝްހޫރު ނެށުންތެރިޔާ ރޮބޯ މޭންގެ ހުށައެޅުންތަކާއި އެކު ކުރިއަށް ދިޔަ ފައިނަލް މެޗުގައި ވަނީ މެޗު ބަލަން ދިޔަ ފަރާތްތަކަށް އިނާމުވެސް ދީފައެވެ. ގުރުއަތު ނަގައިން ދިން މި އިނާމު ތަކުގެ ތެރޭގައި ފައިސާގެ އިނާމުވެސް ހިމެނެއެވެ. އެގޮތުން އެއްވަނައަށް ދިޔަ ފަރާތަށް 2000 މެލޭޝިއަން ރިންގެޓް (ގާތްގަނޑަކަށް 6,500 ރުފިޔާ) ދީފައިވާއިރު, ދެވަނަ ދިޔަ ފަރާތަށް އައިޕެޑެއް އަދި ތިންވަނަ ފަރާތަށް ނިންޑެންޑޯ ސުވިޗެއް ވަނީ ދީފައެވެ.