ޖަރުމަނުގެ ބަރލިންގައި ކުރިޔަށްދާ ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގައި ރާއްޖޭގެ ޒާނާ އަލީ ޝަރީފް 200މ ދުވުމުން ބުރޯންޒް މެޑަލް ހޯދައިފިއެވެ.

އަންގާރަ ކުރިއަށް ދިޔަ ފައިނަލުގައި ޒާނާ ވަނީ އެއް މިނެޓު 27.35 ސިކުންތުން ރޭސް ނިިންމާފައެވެ. ޒާނާގެ އިތުރުން އާއިޝަތު ލައިކާ ހުސައިން ވެސްވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. ލައިކާ ވަނީ ފައިނަލުގައި ފަސްވަނަ ހޯދާފައެވެ.

ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގެ ތެރެއިން. ފޮޓޯ ފޭސްބުކް

ސްޓޭންޑިން ލޯންގް ޖަމްޕް އިވެންޓުގެ ފައިނަލުން ރާއްޖޭގެ ހުސައިން ސުޖޫދް ނާޝިދުވެސް ވަނީ ޖާގަހޯދާފައެވެ. މީގެ އިތުރުން ބެޑްމިންޓަން ގައިވެސް ވަނީ ރާއްޖޭގެ އެތްލީޓުން ބައިވެރިވެފައެވެ. ބެޑްމިންޓަން ގައި ބައިވެރިވެފައި ވަނީ މުހައްމަދު ރާއިފް ޝަރީފް އަދި އާއިޝަތު މާނިޔާ އާދަމްއެވެ.

ސްޕެޝަލް އޮލިމްޕިކްސް ވޯރލްޑް ގޭމްސްގެ ތެރެއިން. ފޮޓޯ ފޭސްބުކް

މި ބައިވެރިންނާއި އެކު ރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ ބާލިންއަށް ގޮސްފައެވެ. އިވެންޓުތަށް ކުރިއަށްދާ ވަގުތު ތަކުގައި ބައިވެރިންނަށް ހިއްވަރު ދެއްވުމަށް އެތަނުގައި މިނިސްޓަރ ހަރަކާތްތެރި ވަމުން ދެއެވެ.

މިއީ ރާއްޖެއިން މި މުބާރާތުގައި ބައިވެރިވި ދެވަނަ އަހަރެވެ. މީގެ ކުރިން ރާއްޖެއިން ވާދަކޮށްފައިވަނީ 2019 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައި ބޭއްވި މުބާރާތުގައެވެ.