ސެނެގާލް އަށް ނިސްބަތްވާ ޒުވާން ފޯވާޑް ނިކޮލަސް ޖެކްސަން ވިލަރެއާލް ދޫކޮށް ޗެލްސީ އަށް ބަދަލުވާން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ނިކޮލަސް ޖެކްސަން ގެނައުމަށް ވިލަ ރެއާލްއާއެކު އެއްބަސްވުމަކަށް އައިސް 35 މިލިއަނަށްވުރެ ގިނަ ޔޫރޯއަށް ވުރެ ބޮޑު އަގެއް ދައްކަންޖެހުނެވެ. ވިލަރެއާލްއިން ޖެކްސަން ދޫކޮށްލާނީ 30 މިލިއަނާއި 38 މިލިއަން ޔޫރޯއާއި ދެމެދުގެ އަދަދެއް ހުށަހެޅުމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި މި އަދަދު ވިލަރެއާލްއަށް ޗެލްސީއިން ދައްކާ ހަލާސް ކުރަން ހަަމަޖެހިފައިވަނީ އިންސްޓޯލްމަންޓްގެ އުސޫލުންނެވެ. ޗެލްސީން ޖެކްސަން ކަނޑައެޅި ޝަރުތުތަކަކަށް އެއްބަސްވެފައިވާއިރު ވަރަށް އަވަހަށް މެޑިކަލް ހަދަން ހަމަޖެހިފައިވާ ކަމަށްވެސް ޓްރާންސްފާ ޚަބަރުތައް ގެނެސްދިނުމުގައި ތަޖުރިބާކާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޯމާނޯ ރިޕޯޓްކޮށްފައިވެއެވެ.

އިސްކޮޅުގައި ހަ ފޫޓް ދެ އިންޗީގެ ދިގުމިން ލިބިގެންވާ އުމުރުން 22 އަހަރުގެ ޖެކްސަން މިދިޔަ ސީޒަނުގައި ލަ ލީގާގައި ވިލަރެއާލްގައި މެޗްތަކުގެ 26 ފެނިލުމެއްގައި އެ ކްލަބަށް 12 ގޯލު ޖަހައިދީފައެވެ. ލަ ލީގާގެ ތާވަލުން ވިލަރެއާލްއަށް ފަސް ވަނަ ލިބުނަސް، ޖެކްސަން ވަނީ އޭނާ ކުޅުނު އެންމެ ފަހު އަށް ގޭމްގައި ނުވަ ލަނޑު ކާމިޔާބުކޮށްފައިއެވެ.

ޗެލްސީގެ ވަރަށް ގިނަ ތަރިން ދަނީ ކުރިއަށް އޮތް ސީޒަނާއި ދިމާކޮށް އެކި ކްލަބްތަކަށް ބަދަލުވަމުންނެވެ. އެންމެ ފަހުން ޗެލްސީން ދޫކޮށްލަން އުޅޭ ކުޅުންތެރިންގެ ތެރޭގައި ކައި ހަވާޓް ހިމެނެއެވެ. ޖަރުމަނުގެ ހަވާޓްޒް ދެން އެންމެ އަވަހަކަށް އާސެނަލް އިން ފެނިގެންދާނެ ކަމަށް ބެލެވޭއިރު މަޓެއޯ ކޮވަސިޗް ވަނީ މެންޗެސްޓާ ސިޓީއަށް ބަދަލުވެފައިއެވެ.

ޗެލްސީގެ ގިނަ ކުޅުންތެރިން ޓްރާންސްފާ މާކެޓްގައި ވިއްކާލަން ހުޅުވާލާފައިވާއިރު، އެ ކްލަބުން ދަނީ ޖެކްސަން ފަދަ ޒުވާން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ސީޒަނުގައި ޖެކްސަންއާއިއެކު ޗެލްސީ ސްކޮޑްގެ އާ މެންބަރެއްގެ ގޮތުގައި ކްރިސްޓޮފާ އެންކުންކޫވެސް ފެނިގެންދާނެއެވެ.

ޗެލްސީއަށް ކުޅުނު ފުދޭ ވަރަކަަށް ގިނަ ތަރިން ސައުދީ ލީގަށް ބަދަލުވެއްޖެކަން ފާހަގަކޮށްލެވެއެވެ. އެޑުއާޑް މެންޑީ އަލް އަހްލީއަށް ބަދަލުވިއިރު އެންގޯލޯ ކަންޓޭ ވަނީ އަލް އިއްތިހާދަށް ބަދަލުވެފައިއެވެ. އަދި ހަކީމް ޒިޔެޗް ވަނީ އަލް ނަސްރަށް ބަދަލުވެފައިއެވެ. މި ކުޅުންތެރިންގެ ފަހަތުން ސެނެގާލްގެ ކުޅުންތެރިޔެއް ކަމުގައިވާ ކަލިދޫ ކުލިބަލީވެސް ސައުދީ ލީގަށް ބަދަލުވާން ހަމަޖެހިފައިވެއެވެ. އަލް ހިލާލްއިން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ގެމްބިއާއަށް އުފަން ޖެކްސަންއަކީ ސެނެގާލްގެ ގައުމީ ޓީމަށް ކުޅެދޭ ކުޅުންތެރިޔެކެވެ. އަދި މިހާތަނަށް އޭނާ ވަނީ ސެނެގާލްގެ ގައުމީ ޓީމަށް ދެ މެޗް ކުޅެދީފައިއެވެ. ޖެކްސަންއަށް ޕްރޮފެޝަނަލް ފުޓްބޯޅައިގެ ތެރެއަށް ވަ ނީ އެސްޓަން ވިލާގެ އޭރުގެ ކޯޗު އުނާއީ އެމެރީ ހުޅުވާދިން ފުރުސަތަކުންނެވެ. އޭގެ ކުރީގައި އޭނާއަކީ އަމިއްލަ ގައުމުގައި ކާސާ ސްޕޯޓްސްއަށް ކުޅެދިން ކުޅުންތެރިޔެކެވެ.