ގައުމީ ޔޫތު ޗެމްޕިއަންޝިޕް 2023 ގެ އަންހެނުންގެ ޓީ20 ޝީލްޑްގައި އިއްޔެ ކުޅުނު ފުރަތަމަ ދެ މެޗުން ލ. ކުނަހަންދޫ ޓީމު މޮޅުވެއްޖެއެވެ.

މި މަހުގެ 16 އިން 20 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ވާދަކުރަނީ ތިން ޓީމެކެވެ. އެއީ، ލ. ކުނަހަންދޫ ޓީމުގެ އިތުރުން މާލޭ ސިޓީގެ އަންހެން ޓީމާއި ފުވައްމުލަކު ސިޓީގެ އަންހެން ޓީމެވެ.

އެކުވެނި ކްރިކެޓް ދަނޑުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި މާލޭ ސިޓީގެ އަންހެން ޓީމު އަތުން ކުނަހަންދޫ ޓީމު މޮޅުވީ 199 ލަނޑުންނެވެ. މި މެޗުގެ ޓޮސް ދިމާވުމުން ކުނަހަންދޫ ޓީމުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ، 239 ލަނޑުހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ސުމައްޔާ ހަމީދު ވަނީ 62 ބޯޅައިން 136 ލަނޑުހެދިއިރު، މި އިނިންގްސްގައި އޭނާ ވަނީ ހަ ފަހަރު ހަޔަކަށް ޖަހައި 21 ފަހަރު ހަތަރަކަށް ޖަހާފައެވެ. މިއީ ރާއްޖޭގެ އަންހެނުންގެ ކްރިކެޓްގައި ފެނިގެންދިޔަ ފުރަތަމަ ސައްތަ އެވެ.

ޖަވާބުގައި ކުޅެން އަރައި، 14.2 އޯވަރުގެ ތެރޭގައި މާލޭ ސިޓީގެ ހުރިހާ ކުޅުންތެރިން ނުބައިވީ އެންމެ 40 ލަނޑަށެވެ. މިހާ ދަށް ސްކޯއަކަށް އެ ޓީމުގެ ކުޅުންތެރިން ނުބައިކޮށްލުމުގައި ކުނަހަންދޫ ޓީމުގެ އުކުންތެރިޔާ، ނަބާ ބިންތި ނަސީމް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ 3.2 އޯވަރުގެ ތެރޭގައި ފަސް ލަނޑަށް ފަސް ވިކެޓްނަގާފައެވެ. މާލޭ ސިޓީން ކިރިޔާވެސް ހިތްވަރެއް ކުރެވުނީ 32 ބޯޅައިން 17 ލަނޑުހެދި މަރިޔަމް ލީން ލުތުފީ އެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗުން ވެސް ކުނަހަންދޫ މޮޅުވީ 141 ލަނޑުންނެވެ. މި މެޗުގެ ޓޮސް ދިމާވުމުން ކުނަހަންދޫ ޓީމުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި އެއް ވިކެޓަށް 178 ލަނޑުހެދިއެވެ. ކުނަހަންދޫ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ފާތިމަތު ޝަޖާ ވަނީ 41 ބޯޅައިން 77 ލަނޑުހަދައިފައެވެ. އޭނާ ވަނީ އިއްޔެ ކުޅުނު ފުރަތަމަ މެޗުގައިވެސް ބައިސައްތަ ހަދާފައެވެ. އެ ޓީމުން ދެން އެންމެ ރަނގަޅަށް ކުޅުނީ 38 ބޯޅައިން 38 ލަނޑުހެދި ވިކެޓްކީޕަރު ބެޓަރ ހަފްސާ އަބްދުﷲ އެވެ.

ދެވަނަ އިނިންގްސްގައި މާލޭ ސިޓީން ކުޅެން އަރައި، 12.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 37 ލަނޑަށެވެ. މި އިނިންގްސްގައި ވެސް މާލޭ ސިޓީން އެންމެ ގިނަ ލަނޑުހެދީ ލީން ލުތުފީ އެވެ. ލީން ވަނީ 27 ބޯޅައިން 12 ލަނޑުހަދައިފައެވެ. ކުނަހަންދޫ ޓީމުން އެންމެ ރަނގަޅަށް އުކި ނަބާ ވަނީ 3.5 އޯވަރުގެ ތެރޭގައި ހަތް ލަނޑަށް ހަ ވިކެޓްނަގައިފައެވެ.

މި ފަހަރުގެ މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ލީގު އުސޫލުން ދެ ބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.