އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް 2-0 އިން ބަލިކޮށް އާސެނަލް އިން ލީގުގެ އެއްވަނަ އަށް އަރައިފިއެވެ.

ޕްރިމިއާ ލީގުގެ ތާވަލަށް ބަލާއިރު، މިވަގުތު އެއް ވަނައިގައި އޮތީ ކުޅުނު 33 މެޗުން ލިބުނު 74 ޕޮއިންޓާއެކުގައި އާސެނަލްއެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބެނީ 32 މެޗުން 73 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ލިވަޕޫލަށް 32 މެޗުން ވަނީ 71 ޕޮއިންޓް ލިބިފައެވެ. އެސްޓަން ވިލާ ހަތަރު ވަނައިގައި އޮތީ ކުޅުނު 33 މެޗުން ލިބުނު 63 ޕޮއިންޓާ އެކުގައެވެ.

އާސެނަލް މީގެކުރިން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ. އެގޮތުން ފުރަތަމަ އެ ޓީމު ބަލިވެފައި ވަނީ ލީގުގައި އެސްޓަން ވިލާ އަތުން 2-0 ގައެވެ. އަދި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ބަޔާން މިއުނިކް އަތުން 1-0 އިން އާސެނަލް ވަނީ ބަލިވެފައެވެ. އެހެންވެ، މި ދެ ބައްޔާ އެކުގައި އާސެނަލް، ވުލްވްސް އަތުން ހޯދި މޮޅަކީ ލީގުގެ ތައްޓަށް ވާދަކުރުމުގައި ވަރަށް މުހިންމު މޮޅެކެވެ.

ވުލްވްސް ދަނޑުގައި ރޭ ކުޅުނު މެޗުގައި މެޗުގެ ގިނަ ވަގުތު ކޮންޓްރޯލްކޮށްގެން ގިނަ ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރީ އާސެނަލްއެވެ. އެކަމަކު، ފުރަތަމަ ހާފްގައި ކައުންޓާ އެޓޭކްގައި ވުލްވްސް އިން ނުރައްކާތެރި ދެތިން ހަމަލާއެއް ވަރު ފޮނުވާލިއެވެ.

އާސެނަލް އިން މެޗުގައި ލީޑް ނެގީ ފުރަތަމަ ހާފްގެ 45 ވަނަ މިނެޓުގައެވެ. މި ލަނޑު އާސެނަލް އަށް ކާމިޔާބުކޮށް ދިނީ ލިއަންޑްރޯ ޓްރޮސާޑެވެ. އާސެނަލްގެ ދެވަނަ ލަނޑު ޖަހާފައި ވަނީ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ކެޕްޓަން މާޓިން އޮޑެގާޑެވެ.

ލީގުގައި އާސެނަލް އަށް ކުރިއަށް އޮތީ ވަރަށް މުހިންމު މެޗެކެވެ. އެގޮތުން އަންނަ އަންގާރަ ދުވަހުގެރޭ އެ ޓީމު ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.